




%20(1).jpeg?w=3840&q=75)



އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެސްޓާ 2025 ގެ ތެރެއިން..
ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވާރސިޓީގެ ދަރިވަރުންގެ ގުޅުމުން އިންތިޒާމުކޮށް ބާއްވާ އައިޔޫއެމްއެސްޔޫ ބީޗް ހޭންޑްބޯޅަ ފިއެއްޓާ 2026 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އައިޔޫއެމްއެސްޔޫގެ ފަރާތުން އޮފިޝަލަކު ގާފު ސްޕޯޓްސްއަށް މައުލޫމާތުދެއްވި ގޮތުގައި އެ ޖަމްއިއްޔާގެ ފަރާތުން މިފަދަ މުބާރާތެއް ބޭއްވުމުގެ މަގުސަދަކީ ރާއްޖޭގައި ޒުވާން ހޭންޑްބޯޅަ ކުޅުންތެރިން އުފެއްދުމާއެކު ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުގެ މެދުގައި ކުޅިވަރުގެ ތެރެއިން އެކުވެރިކަމާއި އެއްބައިވަންތަކަން އާލާކުރުމުގެ އިތުރުން ވާދަވެރި މާހައުލެއްގައި ވާދަކޮށްލުމުގެ ފުރުސަތު ހޯދައިދިނުމެވެ.
މިއީ އައިޔޫއެމްއެސްޔޫ އިން އިންތިޒާމުކޮށްގެން ބާއްވާ ދެވަނަ ބީޗް ހޭންޑްބޯޅަ މުބާރާތެވެ. އަދި މީގެ ކުރިން އެޖަމްއިއްޔާ އިން ވަނީ ހޭންޑްބޯޅަ ހަތަރު މުބާރާތެއް ކާމިޔާބުކަމާއެކު ކުރިއަށް ގެންގޮސްފައެވެ.
ރާއްޖޭގައި ހިންގާ ޔުނިވާރސިޓީތަކާއި، ކޮލެޖްތަކާއި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ އިތުރުން މަތީ ސާނަވީއަށް ކިޔަވާދޭ މަދަރުސާތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ މިމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ.
ދެޑިވިޝަނަކަށް ބަހާލައިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި މުބާރާތުގައި ބައިވެރިވާ ޔުނިވާރސިޓީތަކާއި، ކޮލެޖްތަކާއި މަތީ ތައުލީމުދޭ މަރުކަޒުތަކުގެ އިތުރުން މަތީ ސާނަވީއަށް ކިޔަވާދޭ މަދަރުސާތަކުން އެއްޓީމު ވާދަކުރާނަމަ އިދާރީ ފީއެއްގެ ގޮތުގައި 3000 ރުފިޔާ އަދި ދެޓީމު ވާދަކުރާނަމަ ކޮންމެ ޓީމަކަށް 2500 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މުބާރާތާއި ބެހޭގޮތުން އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން 7730981 ނަންބަރު ފޯނަށް ގުޅައިގެން މައުލޫމާތު ސާފުކުރެއްވުމަށް އައިޔޫއެމްއެސްޔޫ ވަނީ އެދިލައްވާފައެވެ.




