

.jpg?w=3840&q=75)






-
ދިރާގު ދިވެހި ލީގުގައި މިއަދު ހަވީރު ރަށުން ބޭރުގައި ގައްދޫ އާއި ދެކޮޅަށް ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 4-2 ގެ ނަތީޖާއަކުން ޓީސީ ސްޕޯޓްސް ކުލަބުން ކާމިޔާބުކޮށްފިއެވެ.
ލީގުގައި ގައްދޫ ކުޅުނު ފުރަތަމަ މެޗުގައި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުން 2-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ޓީސީގެ ފުރަތަމަ މެޗުގައި ވިކްޓަރީ ސްޕޯޓްސް ކުލަބު އަތުން 5-1 ގެ ތަފާތުބޮޑު ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ.
ގައްދޫ ފުޓްބޯޅަ ދަނޑުގައި ކުޅުނު މިމެޗުގެ އަށްވަނަ މިނެޓުގައި ގައްދޫގެ ފަަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައި ޓީސީއަށް މެޗުގެ ލީޑު ހޯދައިދިނީ އެޓީމުގެ މިސްރު ފޯވާޑް މަހުމޫދު އަޝްރަފް މަހުމޫދު މުސްތަފާ އެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން މުސްތަފާ ވަނޫ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
ޓީސީގެ ތިންވަނަ ލަނޑު ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލްގެ މިޑްފީލްޑަރު، މަގްސަން ޑުރާޑޯ އެވެ.
މިއާއެކު ގައްދޫ އިން ކުޅުން ވަނީ ކުޅުންރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. އަދި ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ގައްދޫއަށް ލިބުނު ޕެނަލްޓީއަކުން އެޓީމުގެ ސާބިއާގެ ފޯވާޑް، އުރޯސް ޖެމޯވިޗް ކާމިޔާބުކުރި ލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 3-1 ގެ ނަތީޖާއަކުން ޓީސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ގައްދޫ އިން ލަނޑެއްޖެހޭތޯ ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 85 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު އެމަނުއަލް އޮލުބެންގާ މަކިންޑޭ އެވެ.
ޓީސީގެ ހަތަރުވަނަ ލަނޑު މެޗުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ މާޔިޒް ވަހީދު އެވެ. މިއީ ގައްދޫގެ ސާބިއާގެ ބޯޖާން ވުކްމިރޯވިޗަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ޓީސީ އިން ކާމިޔާބުކުރި ލަނޑެކެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 4-2 ގެ ނަތީޖާއަކުން ޓީސީ ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ދެމެޗުން ޓީސީ ސްޕޯޓްސް ކުލަބަށް ތިން ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ގައްދޫ އިން ލީގުގައި ކުޅުނު ދެެމެޗުން ވެސް ބަލިވެ އެޓީމަށް އަދި ޕޮއިންޓެއް ނުލިބެއެވެ.


.jpg?w=3840&q=75)

