މާސްޓާސް އެތްލެޓިކްސް ޗެންޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
ހަސަން ޝަމްއޫން
2/4/2025, 6:24:02 PM
މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕް 2025
މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގެ ފަރާތުން އިންތިޒާމްކޮށް، ރާއްޖޭގައި ބާއްވާ ފުރަތަމަ "މާސްޓަރސް އެތްލެޓިކްސް ޗެންޕިއަންޝިޕް 2025"ގައި ބައިވެރިވުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލައިފިއެވެ.
މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސްގެ ނައިބް ރައީސް މުހައްމަދު އާމިރު ގާފު ސްޕޯޓްސްއަށް މައުލޫމާތުދިން ގޮތުގައި އެކުލަބުގެ ފަރާތުން މިފަދަ މުބާރާތެއް ބޭއްވުމުގެ އެންމެ ބޮޑު މަގުސަދަކީ ދުޅަހެޔޮ މުޖުތަމައެއް ބިނާކުރުމަށް ކުޅިވަރުގެ ތެރެއިން އުމުރުން ދުވަސްވީ ފަރާތްތަކަށް ވާދަވެރި މާހައުލެއްގައި ވާދަކޮއްލުމުގެ ފުރުސަތު ހޯދައިދިނުމެވެ.
ގައުމީ އެތްލެޓިކްސް މުބާރާތުގައި ވެސް މާސްޓަރސް އިވެންޓްތަކެއް ބާއްވަމުން އަންނަނީ، ނަމަވެސް އޭގައި މިވާގޮތަކީ އުމުރުން 35 އަހަރުން މަތީގެ ހުރިހާ އެތްލީޓުންނަށް އެއް ކެޓަގަރީއެއްގައި ވާދަކުރަން މިޖެހެނީ.. މިސާލަކަށް 100 މީޓަރު ދުވުމުގައި 36 އަހަރުގެ އެތްލީޓަކާއެކު 45 އަހަރާއި 50 އަހަރުން މަތީގެ އެތްލީޓުން ވެސް ވާދަކުރަން އެބަޖެހެއެވެ.
މީގެ އިތުރުން ރާއްޖެ އިން ބޭރުގައި ބާއްވާ އިންޓަނޭޝަނަލް މާސްޓަރސް މުބާރާތްތަކުގައި ވެސް ދިވެހި އެތްލީޓުން ވާދަކުރަމުން އަންނައިރު، މިމުބާރާތުގެ ސަބަބުން މާސްޓަރސް އިވެންޓްތަކުގެ ފޯރިގަދަވެ ވާދަވެރިކަން އިތުރުވެގެންދާނެއެވެ.
ވޯލްޑް މާސްޓަރސް އެތްލެޓިކްސްގެ މިންގަނޑުތަކަށް ފެތޭގޮތައް ބާއްވާ މިމުބާރާތް މިއަހަރު ފަސް އުމުރުފުރައަކަށް ހުޅުވާލެވިފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 35 އަހަރުން މަތި، 40 އަހަރުން މަތި، 45 އަހަރުން މަތި، 50 އަހަރުން މަތި އަދި 55 އަހަރުން މަތީގެ އުމުރުފުރައެވެ.
މީގެ އިތުރުން މިމުބާރާތުގައި ބޭއްވުމަށް ހަމަޖެހިފައިވާ އިވެންޓްތަކަކީ 100 މީޓަރު، 200 މީޓަރު، 1500 މީޓަރު، 5000 މީޓަރު، 10،000 މީޓަރު، 4×400 މީޓަރު (މިކްސް ރިލޭ)، 4×800 މީޓަރު (މިކްސް ރިލޭ)، ޝޮޓް ޕުޓް ތްރޯއިންގ، ޑިސްކަސް ތްރޯއިންގ އަދި ޖެވަލިންގ ތްރޯއިންގ އެވެ.
1 މެއި 2025 އިން 3 މެއި 2025 އަށް ހުޅުމާލޭ ސިންތަޓިކް ޓްރެކްގައި ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެ އާއި ރާއްޖެއިން ބޭރުގެ އެޓްލީޓުންނަށް ހުޅުވާލެވިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ އެންމެ ފަހު ތާރީޚަކީ 31 މާރިޗް 2025 ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށެވެ.
މުބާރާތުގައި ކޮންމެ އެތްލީޓަކަށް ވެސް ގިނަވެގެން ބައިވެރިވެވޭނީ އިންޑިވިޖުއަލް ތިން އިވެންޓް އަދި އެއް ރިލޭގައެވެ. އަދި މުބާރާތުގައި ވާދަކުރާ ކޮންމެ އިންޑިވިޖުއަލް އިވެންޓެއްގެ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 200 ރުފިޔާ އަދި ޓީމު އިވެންޓަތަކުގެ ތެރެއިން ކޮންމެ ރިލޭއެއްގެ ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 400 ރުފިޔާގެ ފީއެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ.
މީގެ އިތުރުން މިމުބާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން އިތުރު މައުލޫމަތު ހޯއްދެވުމަށް، (7771197 / 7789957) އަށް ގުޅުއްވުމަށް މާސްޓަރސް އެތްލެޓިކްސް މޯލްޑިވްސް އިން ވަނީ އެދިލައްވާފައެވެ.