


.jpg?w=3840&q=75)





އުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ ނައިބު ރައީސް، ބޮޑުވަޒީރު އަދި ދުބާއީގެ ވެރިޔާ ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ކޮއްކޯފުޅު، ޝެއިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް އަވަހާރަވުމާއި ގުޅިގެން ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
ޝެއިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް އަވަހާރަވުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ތައުޒިޔާގެ މެސެޖުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޔޫއޭއީގެ ނައިބު ރައީސަށް ތައުޒިޔާ ފޮނުއްވާފައެވެ. އަދި މަރުހޫމް ފުރާނަފުޅު ރަޙުމަތްލެއްވުން އެދި ދުޢާކުރެއްވިއެވެ.
ރައީސްގެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުން އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ޝެއިޚް މުޙައްމަދު ބިން ރާޝިދު އަލް މަޚްތޫމްގެ ޢާއިލާއާއި ޔޫއޭއީގެ ސަރުކާރަށާއި އަޚުވަންތަ ރައްޔިތުންނަށް ތަޢުޒިޔާ ފޮނުއްވާފައިވެއެވެ.
އުމުރުފުޅުން 76 އަހަރުގައި ޝެއިޚް އަޙްމަދު ބިން ރާޝިދު އަލް މަޚްތޫމް އަވަހާރަވީ މިއަދު ކަމަށް ދުބާއީގެ މީޑިއާ އޮފީހުން ވަނީ ހާމަކޮށްފައެވެ.
ޝެއިޚް އަޙްމަދު އަވަހާރަވުމުގެ ހިތާމައިގައި، ހޯމަ ދުވަހުން ފެށިގެން ދުބާއީގައި ރަސްމީކޮށް ހިތާމަފާޅުކުރުމުގެ 10 ދުވަހުގެ މުއްދަތެއް ކަނޑައަޅައި، އެ މުއްދަތުގައި ދުބާއީގެ ދިދަތައް ބައިދަނޑިއަށް ތިރިކުރުމަށް ނިންމައިފައެވެ.
12 ޖުލައި 1950 ގައި ބުރް ދުބާއީ އަށް އުފަންވެވަޑައިގަތް ޝެއިޚް އަޙްމަދަކީ ދުބާއީގެ ކުރީގެ ވެރިޔާ އަލްމަރުޙޫމް ޝެއިޚް ރާޝިދު ބިން ސަޢީދު އަލް މަޚްތޫމްގެ ހަތަރުވަނަ އަދި އެންމެ ހަގު ފިރިހެން ދަރިކަލުންނެވެ.
އެމަނިކުފާނަކީ ފާހަގަކޮށްލެވޭ ފަދަ މުހިންމު ޚިދުމަތްތަކެއް ކުރެއްވި ޝަޚްޞިއްޔަތެކެވެ. އެގޮތުން ފުރުއްވި ބައެއް މުހިންމު މަޤާމުތަކުގެ ތެރޭގައި ދުބާޢީ ޕޮލިސް އެންޑް ޕަބްލިކް ސެކިއުރިޓީގެ ޑެޕިއުޓީ ޗެއާމަންކަމާއި، އޭ.އާރް.އެމް. ހޯލްޑިންގް އަދި ދުބާއީ ރިއަލް އެސްޓޭޓް ސެންޓަރުގެ ގްރޫޕް ޗެއާމަންކަމާއި އަދި ޔޫއޭއީ ޕްރޯ ލީގުގެ މަޝްހޫރު ކްލަބު "އަލް ވަޞްލް އެފްސީ" ގެ ޗެއާމަންކަން ހިމެނެއެވެ.



.jpg?w=3840&q=75)



