.jpg?w=3840&q=75)








"ނިއޯކެއާ ކޮންފަރެންސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޤީލާ އަލީ- ފޮޓޯ: ޕީއެސްއެމް
ނިއޯނޭޓަލް ކެއާއަކީ ކުއްޖާގެ މުޅި އުމުރުގެ ދުޅަހެޔޮކަމާއި ގުޅިފައިވާ ވަރަށް މުހިންމު ފަރުވާގެ ދުވަސްތަކެއްކަމަށް ހެލްތް މިނިސްޓަރު ޤީލާ އަލީ ވިދާޅުވެއްޖެ އެވެ.
"ނިއޯކެއާ ކޮންފަރެންސް" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރު ޤީލާ އަލީ ވިދާޅުވީ ނިއޯނޭޓަލް ކެއާއަކީ ހަމައެކަނި ކުއްޖާގެ ފުރާނަ ސަލާމަތްކުރުމަށް ދެވޭ ފަރުވާއެއް ނޫންކަމަށެވެ.
ނިއޯނޭޓަލް ފަރުވާގެ ނިޒާމަކީ ވަރަށް ދުރަށް ވިސްނައިގެން ތަރައްގީކުރަން ޖެހޭ ހިދުމަތެއްކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިއީ ހިދުމަތްތައް ދެވޭ ގޮތަށް އަންނަ ބަދަލާއި ފަރުވާދޭން ބޭނުންކުރާ ވަސީލަތްތަކަށް ފަރިތަ ބަޔަކަށް ހެދުމަށް އިންސާނީ ވަސީލަތުގެ ތަރައްގީއަށް ކޮންމެހެން ބޭނުންޖެހޭ ހިދުމަތެއްކަމަށެވެ.
މިނިސްޓަރު ޤީލާ ވިދާޅުވީ ފަރުވާއަށްފަހު ކުއްޖާ ދޫކޮށްލާ ހިސާބަކީ އެ ކުދިންގެ ސިއްހީ އެހީތެރިންގެ ޒިންމާ ނިމޭ ހިސާބެއް ނޫންކަމަށެވެ. އަދި އެ ކުދިންގެ ފޮލޯއަޕްތަކާއި އާއިލާއަށް ބޭނުންވާ ފުރިހަމަ މައުލޫމާތު ފޯރުކޮށްދީ، އެފަދަ ކުއްޖެއްގެ ސިއްހަތަށް ބަހައްޓަންޖެހޭ ފަރުވާތެރިކަމުގެ ކަންކަން ބުނެދިނުމަކީ އެންމެ ބޮޑު އެއް ޒިންމާކަމަށްވެސް މިނިސްޓަރު ޤީލާ ފާހަގަކުރެއްވި އެވެ.
ރާއްޖެ އުފެދިފައިވާގޮތުން ހިދުމަތްތައް ދިނުމަށް ގޮންޖެހުންތައް ބޮޑުކަން ފާހަގަކޮށް މިނިސްޓަރު ވިދާޅުވީ މިފަދަ ކޮންފަރެންސްއެއްގެ ސަބަބުން ހޮސްޕިޓަލްތަކުގެ ގުޅުން ބަދަހިވެ، ފަންނީ މާހިރުންގެ އިރުޝާދު ފޯރުކޮށްދީ ނިއޯނޭޓަލް ކެއާއަށް ހޭލުންތެރި ހިދުމަތްތެރިންތަކެއް މުޅި ރާއްޖޭގައި ބިނާކުރުމަށް މަގުފަހިވާކަމަށެވެ.
މީގެއިތުރުން މިނިސްޓަރު ޤީލާ ވިދާޅުވީ އަތޮޅުތަކުގައި ހުރި އަތޮޅު އަދި ރީޖަނަލް ހޮސްޕިޓަލްތަކުގައި މި ހިދުމަތްތައް އެންމެ ފުރިހަމައަށް ގާއިމްވެފައި ނެތް ކަމަށެވެ. ނަމަވެސް ޓާޝަރީ ހޮސްޕިޓަލްތަކުގެ ޑޮކްޓަރުންނާއި ތަޖުރިބާކާރުން ގުޅިގެން ކުރާ މަސައްކަތުން، މިކަމަށް ބޭނުންވާ އެންމެހައި މައުލޫމާތާއި އެހީތެރިކަން ދެވިގެންދާކަމަށް މިނިސްޓަރު ފާހަގަކުރި އެވެ. އަދި އެއްވެސް ކުއްލި ހާލަތެއް މެދުވެރިވެއްޖެނަމަ، އަމަލުކުރަންވީ ގޮތްތަކަށް ސިއްހީ އެހީތެރިން ވަރަށް ބޮޑަށް ހޭލުންތެރިކުރެވިގެންދާނެކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ މި ހިދުމަތް ދެވޭ ހޮސްޕިޓަލްތަކުގައިވެސް ހިދުމަތުގެ ފެންވަރު ދެމެހެއްޓުމަށް އަންނަ ތަރައްގީއާއެކު އަބަދުވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ."އެއްފަހަރު ތަމްރީންކޮށްލާފައި ދޫކޮށްލަނިއްޔެއް ނޫން. މިއީ ދެމެހެއްޓެނިވި ތަމްރީންތައް ދޭންޖެހޭ ދާއިރާއެއް. ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް، ކްލިނިކަލް މެންޓޯޝިޕް އަދި މިނޫންވެސް ޚިދުމަތްތައް ދޭނެގޮތްތައް ވަރަށް ރަނގަޅަށް އިނގިތިބި ބަޔަކަށްވާންޖެހޭ، ޒިންމާ ބޮޑު މަސައްކަތެއް" މިނިސްޓަރު ވިދާޅުވި އެވެ.
.jpg?w=3840&q=75)







