

.jpg?w=3840&q=75)






ދިވެހިރާއްޖޭގެ އިޤްތިޞާދީ ތާރީޚުގައި މިހާތަނަށް ހިންގާ ބޭރުގެ އެންމެ ބޮޑު އެއް އިންވެސްޓްމަންޓް މަޝްރޫޢު ކަމުގައިވާ ރަސްމާލޭގެ ވޯޓަރފްރަންޓް އަދި މެރީނާ ޕްރޮޖެކްޓް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ދިވެހި ސަރުކާރާއި އަބޫދާބީގެ މަޝްހޫރު ޑިވެލޮޕަރ "އީގަލް ހިލްސް" އާ ދެމެދު ވަނީ ރަސްމީކޮށް ސޮއިކޮށްފައެވެ. މިއީ ޖުމްލަ 20 ބިލިޔަން ޑޮލަރުގެ ބިޔަ އިންވެސްޓްމަންޓަކާއެކު ރާއްޖޭގެ އިޤްތިޞާދީ އަދި އިޖުތިމާޢީ މަންޒަރު މުޅިން ބަދަލުކޮށްލާނެ ފަދަ ތާރީޚީ ފިޔަވަޅެކެވެ. މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. އަދި އީގަލް ހިލްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ބާނީ އަދި ޗެއާމަން މުޙައްމަދު އަލަޢައްބާރުއެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ފާހަގަކޮށްލަންޖެހޭ ގޮތުގައި، އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލަޢައްބާރަކީ ދުނިޔޭގެ އެންމެ އުސް އިމާރާތް ކަމަށްވާ ބުރިޖު ޚަލީފާ އަދި ދުބާއީ މޯލް ތަރައްޤީކުރި މަޝްހޫރު އެމާރ ޕްރޮޕަޓީސްގެ ވެސް ބާނީއެވެ. އީގަލް ހިލްސް އަކީ ދުނިޔޭގެ އެކި ޤައުމުތަކުގައި ފާހަގަކޮށްލެވޭ ވޯޓަރފްރަންޓް މަޝްރޫޢުތައް ކާމިޔާބުކަމާއެކު ހިންގަމުން އަންނަ އިތުބާރު ހިފޭ ކުންފުންޏެކެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ދެއްކެވި ވާހަކަފުޅުގައި މި މަޝްރޫޢަކީ ރާއްޖެއަށް އެކިގޮތްގޮތުން ފައިދާ ލިބޭނެ އުއްމީދީ މަޝްރޫޢެއްކަން ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވި ގޮތުގައި، "ރާއްޖޭގެ ބޭންކިންގ ނިޒާމުގެ ތެރެއަށް އެތައް ބިލިޔަން ޑޮލަރެއްގެ ފޮރިން އިންވެސްޓްމަންޓްސް ލިބޭނެ. 54،000 އަށްވުރެ ގިނަ ވަޒީފާގެ ފުރުޞަތާއި، ދިވެހި އާއިލާތަކަށް އެތައް ހާސް ގެދޮރުގެ ފުރުޞަތު ހުޅުވި، އެކި ދާއިރާތަކުން ސީދާ ސަރުކާރަށް ލިބޭ އާމްދަނީ އިތުރުވާނެ" އެވެ. ހަމައެއާއެކު، އީގަލް ހިލްސްގެ ޗެއާމަން މުޙައްމަދު އަލަޢައްބާރު ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ ނިސްބަތުންވެސް ޚާއްސަ އަދި ވަރަށް ހިތްގައިމު މަންޒިލެއް ކަމަށާއި، އެ ބޭފުޅުން ބޭނުންވަނީ ޒިންމާދާރުކަމާއެކު މި މަޝްރޫޢު ކުރިއަށްގެންގޮސް، ހަގީގަތުގައިވެސް ދުނިޔޭގެ ފެންވަރުގެ ތަނަކަށް ރަސްމާލެ ހެދުމަށް ކަމަށެވެ. އަދި މިއީ ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެ އައު އުސްމިންތަކަށް ގެންގޮސްދޭނެ މަޝްރޫޢެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.

ރަސްމާލޭގައި ތަރައްޤީކުރެވޭ މި ބިޔަ މަޝްރޫޢުގެ ދަށުން ބައިނަލްއަޤްވާމީ ފެންވަރުގެ ހޮޓާތަކާއި ރިސޯޓުތައް، މަތީ ފަންތީގެ ބްރޭންޑެޑް ރެޒިޑެންސްތައް އަދި ދުނިޔޭގެ ފެންވަރުގެ މެރީނާއެއް ޤާއިމުކުރެވޭނެއެވެ. މީގެއިތުރުން ވޯޓަރފްރަންޓް ޕްރޮމެނާޑްތަކާއި، ރެސްޓޯރެންޓްތަކާއި، ފިހާރަތަކުގެ އިތުރުން ހިތްހަމަޖައްސައިލުމާއި ދުޅަހެޔޮކަމުގެ މަރުކަޒުތައް ޤާއިމުކުރުމަށް ވަނީ ރޭވިފައެވެ. ތަފާތު އެކި ފިޔަވަހިތަކަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ ޖުމްލަ އިންވެސްޓްމަންޓް 20 ބިލިޔަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ މަޝްރޫޢުގެ އެކި މަރުޙަލާތަކަށް ބަހާލައިގެން ހިނގާނެ އިންވެސްޓްމަންޓެކެވެ.
މި މަޝްރޫޢުގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް އަންނާނެ ކަމަށް އަންދާޒާކުރެވެއެވެ. އެގޮތުން ޖުމްލަ 30 ބިލިޔަން ޑޮލަރަށް ވުރެ ގިނަ ބޭރުގެ އިންވެސްޓްމަންޓް ލިބި، ރާއްޖެއަށް ސާފު ފޮރިން އިންވެސްޓްމަންޓްގެ ގޮތުގައި ގާތްގަނޑަކަށް 18 ބިލިޔަން ޑޮލަރު ވަންނާނެ ކަމަށް ލަފާކުރެވެއެވެ. އަދި ސީދާ އަދި ނުސީދާ ގޮތުން 54،000 އަށް ވުރެ ގިނަ ވަޒީފާގެ ފުރުޞަތު އުފެދިގެންދާނެއެވެ. މަޝްރޫޢު އެއްކޮށް ފުރިހަމަވުމުން އަހަރަކު އެއް މިލިޔަނަށް ވުރެ ގިނަ ފަތުރުވެރިން ރަސްމާލެއަށް ޒިޔާރަތްކޮށް، ފަތުރުވެރިކަމުގެ ދާއިރާއިން އަހަރަކު 2 ބިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ޤައުމަށް ލިބިގެންދާނެ ކަމަށް ބެލެވެއެވެ.
މާލޭގެ ތޮއްޖެހުން ކުޑަކުރުމުގެ މަޤްޞަދުގައި 1،100 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކައިގެން، ގާތްގަނޑަކަށް 65،000 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށް ސަރުކާރުން ރާވާފައިވާ ރަސްމާލެ މަޝްރޫޢަކީ ރާއްޖޭގެ ތާރީޚުގައި ވެސް ހިންގާ އެންމެ ބޮޑު ބިން ހިއްކުމުގެ މަޝްރޫޢެވެ. ފަތުރުވެރިކަމަށް އެކަނި ބަރޯސާވެފައިވާ ރާއްޖޭގެ އިޤްތިޞާދު ސިންދަފާތު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މިދިޔަ އަހަރުގެ މެއި މަހު ދުބާއީގެ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސްއާ ގުޅިގެން 8.8 ބިލިޔަން ޑޮލަރުގެ ފައިނޭންޝަލް ސެންޓަރެއް ތަރައްޤީ ކުރުމުގެ އެއްބަސްވުމެއްގައި ވެސް ވަނީ ސޮއިކޮށްފައެވެ.
އީގަލް ހިލްސްއާ ގުޅިގެން ރަސްމާލޭގައި ފެށޭ މި ބިޔަ މަޝްރޫޢަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި ޢުމްރާނީ ތަރައްޤީ އައު ހަރުފަތަކަށް ގެންގޮސްދޭނެ އިންޤިލާބީ މަޝްރޫޢެކެވެ. މިއީ ދިވެހި ރައްޔިތުންނަށް ވަޒީފާއާއި ގެދޮރުވެރިކަމުގެ އައު ދޮރުތަކެއް ހުޅުވި، ޤައުމުގެ މުސްތަޤްބަލް އުޖާލާކޮށްދޭނެ މުހިންމު ބިނާއެކެވެ.


.jpg?w=3840&q=75)

