logoEN
Sto top
އެސްޕަންޔޯލް އަތުން ބަލިވެ ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު ރެއާލް މެޑްރިޑުން ނަގާލައިފި

އެސްޕަންޔޯލް އަތުން ބަލިވެ ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު ރެއާލް މެޑްރިޑުން ނަގާލައިފި

ހަސަން ޝަމްއޫން

logo

2/2/2025, 12:03:00 AM

# އެސްޕަނިޔޯލް# ސްޕެނިޝް ލަ ލީގާ# ބޭރު ދުނިޔޭގެ ކުޅިވަރު# ރެއާލް މެޑްރިޑް

ރެއާލް މެޑްރިޑާއި އެސްޕަނިޔޯލް ވާދަކުރި މެޗުގެ ތެރެއިން .

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހުގެ ރޭ ރަށުން ބޭރުގައި 1-0 ގެ ނަތީޖާއަކުން އެސްޕަންޔޯލް އަތުން ބަލިވެ، ލީގުތާވަލުގެ ކުރީގައި ލީޑު ފުޅާކުރުމަށް ލިބުނު ފުރުސަތު ރެއާލް މެޑްރިޑުން ނަގާލައިފިއެވެ.

Wamco

ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި ރަށުން ބޭރުގައި ރެއާލް ވަލަޑޮލީޑް އަތުން 3-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، އެސްޕަންޔޯލް އެންމެ ފަހުން ކުޅުނު މެޗުގައި ސެވިއްޔާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ކުޅުނު މެޗު 4-1 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ރެއާލް މެޑްރިޑުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ ރެއާލް މެޑްރިޑުން މެޗު ޑޮމިނޭޓްކުރިއިރު، ފުރަތަމަ ހާފުގެ 20 ވަނަ މިނެޓުގައި އެޓީމުގެ ބްރެޒިލް ފޯވާޑް ވިނީޝިއަސް ޖޫނިއަރ ލަނޑެއް ކާމިޔާބުކުރި ނަމަވެސް ވީއޭރުން ބެލުމަށްފަހު ރެފްރީ ނިންމީ ލަނޑުޖެހުމުގެ ކުރިން ރެއާލް މެޑްރިޑްގެ އެމްބާޕޭ އެސްޕަންޔޯލްގެ ކުޅުންތެރިއަކަށް ފައުލްކޮށްފައިވާ ކަމަށެވެ.

މިއާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގައި ވެސް މޮޅަށް ކުޅެ ރެއާލް މެޑްރިޑުން ލަނޑުޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސްކުރިއެވެ. އެގޮތުން މިހާފުގައި ރެއާލް މެޑްރިޑްގެ އެމްޕާބޭ އަދި ރޮޑްރީގޯ ފޮނުވާލި ދެ ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑިއަށް އަމާޒުވިއިރު، އެޓީމުން ފޮނުވާލި ގިނަ ހަމަލާތަކެއް މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އެސްޕަންޔޯލްގެ ގޯލް ކީޕަރު ޖޮއާން ގާސިޔާ ވަނީ ހުޝިއާރުކަމާއެކު ދިފާއުކޮށްފައެވެ.

މިމެޗުގައި އެސްޕަންޔޯލް އިން ލީޑުހޯދި ލަނޑު ދެވަނަ ހާފުގެ 85 ވަނަ މިނެޓުގައި އެޓީމުން އުފެއްދި ކައުންޓާ އެޓޭކެއްގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ކާލޯސް ރޮމޭރޯ އެވެ. އަދި މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން އެސްޕަންޔޯލް ކުރީގައި އޮވެގެންނެވެ.

މިނަތީޖާއެކު ލީގުގައި ކުޅުނު 22 މެޗުން އެސްޕަންޔޯލަށް 23 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ލީގު ތާވަލުގެ 17 ވަނައިގައެވެ. އަދި މިމެޗުން ބަލިވި ރެއާލް މެޑްރިޑަށް 22 މެޗުން 49 ޕޮއިންޓް ލިބިފައިވާއިރު، އެޓީމު އަދި ވެސް އޮތީ ލީގު ތާވަލުގެ އެއްވަނައިގައެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside