







ރެއާލް މެޑްރިޑާއި ރެއާލް ބެޓިސް ވާދަކުރި މެޗުގެ ތެރެއިން..
ސްޕެނިޝް ލިލީގާގައި ރޭ ރަށުން ބޭރުގައި ބެޓިސް އާއި ވާދަކޮށް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުކުރެވި 1-0 ގެ ނަތީޖާއަަކުން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.
ލީގުގައި ރެއާލް މެޑްރިޑް އެންމެ ފަހުން ކުޅުނު މެޗުގައި މަލާގާ އަތުން 4-0 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ބެޓިސް އެންމެ ފަހުން ކުޅުނު މެޗުގައި ލެވާންޓޭ އަތުން 5-2 ގެ ނަތީޖާއަކުން އެޓީމު ވަނީ ބަލިވެފައެވެ. އަދި މިދެޓީމު އެންމެ ފަހުން ބެޓިސްގެ ދަނޑުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ދެމެޗުން ބެޓިސް މޮޅުވިއިރު. އަނެއް ތިން މެޗު ނިމިފައިވަނީ އެއްވަރުވެންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ރެއާލް މެޑްރިޑްގެ އެންމެ މޮޅު ކުޅުން ނުފެނުނު ނަމަވެސް މިހާފުގައި އެޓީމުން ވަނީ ބެޓިސްގެ ގޯލަށް 15 ހަމަލާ ފޮވުނާލާފައެވެ. އަދި އޭގެ ތެރެއިން ދެ ހަމަލާއެއް ގޯލު ދަނޑިއަށް އަމާޒުވިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 68 ވަަނަ މިނެޓުގައި ރެއާލްގެ ފޯވާޑް އެމްބާޕޭ ފޮނުވާލި ހަމަލާއެއް ގޯލުގެ އަތިމަތީ ދަނޑިއަށް ވަނީ އަމާޒުވެފައެވެ.
ރެއާލް ބެޓިސް އިން މެޗުގެ ލީޑުހޯދީ ދެވަނަ ހާފުގެ 81 ވަނަ މިނެޓުގައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ފޯވާޑް ޓްރޯއި ޕެރޮޓް އެވެ.
މިލަނޑާއެކު ރެއާލް މެޑްރިޑުން ވަނީ ބަދަލުތަކެއް ގެނެސް އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަަތީޖާއެއްގެ ގޮތުން މެޗުގެ 87 ވަނަ މިނެޓުގައި އެޓީމުން ލަނޑެއް ވެސް ކާމިޔާބުކުރިއެވެ. ނަމަވެސް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ކާލޯސް އެސްޕީ ކާމިޔާބުކުރި ހިތްގައިމު ލަނޑު ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.
މީގެ އިތުރުން މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ދެވަނަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ރެއާލް މެޑްރިޑަށް ޕެނަލްޓީއެއް ވެސް ލިބުނެވެ. ނަމަވެސް އެމްބާޕޭ ކުރިއަށް ފޮނުވާލި ޕެނަލްޓީ ބެޓިސްގެ ކިޕަރު އަލްވާރޯ ދިފާއުކުރިއިރު، ރީބައުންސަށް ލިބުނު ފުރުސަތުގައި ވެސް އެމްބާޕޭއަށް ބޭނުންކުރެވޭގޮތެއް ނުވިއެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ހަތަރު މެޗުން ހޯދި ނުވަ ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި ރެއާލް މެޑްރިޑް އޮތްއިރު، މިމެޗުން މޮޅުވި ރެއާލް ބެޓިސް އިން ލީގުގައި ކުޅުނު ހަތަރު މެޗުން ހޯދި ނުވަ ޕޮއިންޓާއެކު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ތާވަލުގެ ތިންވަނައިގައެވެ.



