ކުއާޓާގެ ފަހު މެޗުގައި އާރުޑީއެލް އަތުން ބަލިވެ ބޮންތި މުބާރާތުން ކަޓައިފި
ހަސަން ޝަމްއޫން
1/23/2025, 6:59:41 PM
ބޮންތި އާއި އާރުޑީއެލެް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ޝުރާއު
ހުޅުމާލޭގައި މިހާރު ކުރިއަށްދާ "ވަން ގޭމް ބީޗު ހޭންޑްބޯޅަ ޗެލެންޖް 2025" ގެ ފިރިހެން ޑިވިޝަން ކުއާޓާ ފައިނަލް ހަތަރުވަނަ މެޗުގައި މިރޭ 2-0 ގެ ނަތީޖާއަކުން އާރުޑީއެލް ސްޕޯޓްސް ކުލަބު އަތުން ބަލިވެ ބޮންތި ސްޕޯޓްސް ކުލަބު މުބާރާތުން ކަޓައިފިއެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުން ފުލައިން ބޮންތި ސްޕޯޓްސް ކުލަބު ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ގުރޫޕް ތިނެއްގެ އެއްވަނަ ޓީމުގެ ގޮތުގައެެވެ. އަދި އާރުޑީއެލް ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭޖުގައި ކުޅުނު ދެމެޗުގެ ތެރެއިން އެއްމެޗުން މޮޅުވެ އަނެއް މެޗުން ބަލިވެ ލިބުނު ތިން ޕޮއިންޓާއެކު ގުރޫޕް އެކެއްގެ ދެވަނަ ޓީމުގެ ގޮތުގައެެވެ.
ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގެ ފުރަތަމަ ސެޓް ހަތް ލަނޑުގެ ލީޑަކާއެކު 16-23 ގެ ނަތީޖާއަކުން އާރުޑީއެލް ކާމިޔާބުކުރިއިރު، މެޗުގެ ދެވަނަ ސެޓް ފަސޭހަކަމާއެކު 15-24 ގެ ނަތީޖާއަކުން ކާމިޔާބުކޮށް އެޓިމުން ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ކަށަވަރުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އާރުޑީއެލްގެ މުހައްމަދު ޔަޝްމު އަހުމަދު އެވެ.
20 ޖެނުއަރީ 2025 އިން 25 ޖެނުއަރީ 2025 ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި ނުވަ ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ބައިވެރިވި ނުވަ ޓީމު ތިން ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމުގެ އިތުރުން ތިންވަނަ ހޯދާ ޓީމުތަކުގެ ތެރެއިން ވެސް އެންމެ ނަތީޖާ ރަނގަޅު ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.
މުބާރާތުގެ އެސޯސިއޭޓެޑް ޕާޓްނަރުންގެ ގޮތުގައި ހޭންޑްބޯޅަ މޯލްޑިވްސް އަދި ތުޅާދޫ ޔަންގް އީގަލްސް ކުލަބު ހިމެނޭއިރު، ހައުސް އޮފް ޖެވެލް އަކީ މުބާރާތުގެ ސިލްވާ ސްޕޮންސަރ އެވެ. އަދި މީގެ އިތުރުން ޑިޖިޓަލް ޕާޓްނަރަކަށް ދީރާގު ހަމަޖައްސާފައިވާއިރު، ޕްރިންޓް ޕާޓްނަރަކީ އިންކްޑް މޯލްޑިވިސް އެވެ. އަދި ކިޓް ޕާޓްނަރަކަށް ކޫލް ޖާޒީ ހަމަޖައްސާފައިވާއިރު، ބޭވަރެޖް ޕާޓްނަރަކީ ޕްރައިމް ކެއަރ އެވެ. އަދި މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ގާފު ސްޕޯޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޑިޒައިން ކޮށްފައި ވަނީ އެޓިޑް ފަބްރިކޭޝަންސް އެވެ.