







އަލްމަސްޖިދުލް ހަރަމްގެ އިމާމް ޑރ. ޔާސިރް އައްދައުސަރީ ރާއްޖެ ވަޑައިގަންނަވާގޮތަށް ހަމަޖެހިއްޖެއެވެ.
މިކަން ހާމަކުރެއްވީ 38 ވަނަ ގައުމީ ގުރުއާން މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިސްލާމީ ކަންތައްތަކާއި އައުޤާފާބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު އެވެ.
ވަޒީރު ވިދާޅުވީ ޝައިހް ދައުސަރީ އަށް ދައުވަތު އެރުވީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ޒުވާން ހަތީބުންގެ ގައުމީ މަހާސިންތާއަށް ކަމަށާއި ނަމަވެސް އެމަނިކުފާނަށް އެދުވަހަށް ވަޑައިގެންނެވޭ ގޮތް ނުވެވުނީ ކަމަށެވެ.
މަސްޖިދުލް ޙަރަމްގެ އެންމެ ޒުވާން އެއް އިމާމު ކަމަށްވާ ޑރ. ޔާސިރް އައްދައުސަރީ އަކީ ޒުވާނުންގެ މެދުގައި ވަރަށް މަގްބޫލު އިމާމެކެވެ.
ރާއްޖެއަށް މަސްޖިދުލްޙަރާމްގެ އިމާމަކު މިވަޑައިގަންނަވަނީ 43 އަހަރަށް ފަހުގައެވެ. އިސްލާމީ މަރުކަޒު ހުޅުވުމަށް، މަސްޖިދުލްޙަރާމްގެ އިމާމް މުޙައްމަދު އައްޒުބައިޔީ ރާއްޖެ ވަޑައިގެންނެވިއެވެ.




