ފަހަތުން އަރައި ވާދޫ ބަލިކޮށް ބޮއްކުރާ ޗެންޕިއަންކަން ހޯދައިފި
ހަސަން ޝަމްއޫން
1/3/2025, 7:55:54 PM
ކުލަބު ބޮއްކުރާ... ފޮޓޯ: ގާފު ސްޕޯޓްސް
ގައްދޫގައި މިހާރު ކުރިޔަށްދާ " ބީ ބޯލްޑް ހުވަދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2024" ގެ ފިރިހެން ޑިވިޝަން ފައިނަލުގައި މިރޭ ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ވާދޫ ބަލިކޮށް ކުލަބު ބޮއްކުރާ އިން މުބާރާތުގެ ޗެންޕިއަންކަން ހޯދައިފިއެވެ.
ބޮއްކުރާ މުބާރާތުގެ ފައިނަލުން ޖާގަހޯދީ ލީގުބުރުގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ވާދޫ ލީގުބުރުގެ ދެވަނަ ހޯދިއިރު، އެޓީމު ފައިނަލުން ޖާގަހޯދީ ޕްލޭއޮފް މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ގެމަނަފުށި ބަލިކުރުމަށް ފަހުއެވެ. އަދި މިދެޓީމު ލީގުބުރުގައި ކުޅުނު މެޗު 3-2 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ވާދޫ އިންނެވެ.
މެޗުގެ ފުރަތަމަ ސެޓު 11 ޕޮއިންޓްގެ ބޮޑި ލީޑަކާއެކު 14-25 ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކުރީ ވާދޫ އިންނެވެ. ނަމަވެސް މެޗުގެ ފުރަތަމަ ސެޓަށް ފަހު ބޮއްކުރާ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތަކާއެކު އެޓީމުގެ ޑިފެންސް ވެސް ބޮޑުތަނުން ރަނގަޅުކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން މެޗުގެ ދެވަނަ ސެޓާއި ތިންވަނަ ސެޓް ވާދަވެރި ކުޅުމަކަށްފަހު ބޮއްކުރާ އިން ކާމިޔާބުކުރީ ތިން ޕޮއިންޓްގެ ލީޑަކާއެކު 22-25 ގެ ނަތީޖާއަކުންނެވެ. އަދި މެޗުގެ ހަތަރުވަނަ ސެޓުގައި އެޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މިސެޓް ބޮއްކުރާ އިން ކާމިޔާބުކުރީ ނުވަ ޕޮއިނަޓްގެ ބޮޑު ލީޑަކާއެކު 16-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކުލަބު ބޮއްކުރާގެ އަހުމަދު އަޒީމް އެވެ.
ގައްދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށް މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުގެ ފިރިހެން ޑިވިޝަނުގައި މިއަހަރު ފަސް ޓީމަކުން ވާދަކުރިއިރު، މި ޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައި ވަނީ ބައިވެރިވި ފަސް ޓީމުގެ މެދުގައި ލީގު އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗުކުޅެ ލީގުބުރުގެ އެއްވަނަ ހޯދާ ޓީމަކަށް މުބާރާތުގެ ފައިނަލްގެ ފުރަތަމަ ޖާގަ ލިބޭގޮތަށެެވެ. އަދި މީގެ އިތުރުން ފައިނަލްގެ ދެވަނަ ޖާގަ ލިބުނީ ލީގުބުރުގެ ދެވަނަ ޓީމާއި ތިންވަނަ ޓީމުގެ މެދުގައި ކުޅުނު ޕްލޭއޮފް މެޗުން މޮޅުވި ޓީމަށެވެ.
23 ޑިސެންބަރު 2024 އިން 3 ޖެނުއަރީ 2025 ގެ ނިޔަލަށް ކުރިއަށް ގެންދިޔަ މިމުބާރާތުގެ ޗެންޕިއަން ޓީމަށް 55،000 އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި ވާއިރު، މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ބީ ބޯލްޑް ޕްރައިވެޓް ލިމިޓެޑެވެ. އަދި މިމުބާރާތުގެ ހުރިހާ މެޗެއް އިވެންޓްކާސްޓް މޯލްޑިވްސް އިން ލައިވްކުރުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.