ސީދާ ތިން ސެޓުން ކަނޑުހުޅުދޫ ބަލިކޮށް ޑީއެސްއާރުސީ ރަނިން ޗެންޕިއަންކަން ހޯދައިފި
ހަސަން ޝަމްއޫން
1/3/2025, 2:29:34 PM
ޑީއެސްއާރުސީ ރަނިން ފޮޓޯ: ގާފު ސްޕޯޓްސް
ގައްދޫ ކައުންސިލުން މުޅި ހުވަދޫއަތޮޅަށް ހުޅުވާލައިގެން ކުރިޔަށްގެންދާ " ބީ ބޯލްޑް ހުވަދޫ ވަތަބަނޑޭރި ވޮލީބޯލް ޗެލެންޖް 2024" ގެ އަންހެން ޑިވިޝަން ފައިނަލުގައި މިއަދު ހަވީރު ފަސޭހަކަމާއެކު ސީދާ ތިން ސެޓުން މޮޅުވެ، ޑީއެސްއާރުސީ ރަނިން މުބާރާތުގެ ޗެންޕިއަންކަން ހޯފައިފިއެވެ.
މުބާރާގެ ފައިނަލުން ސެމީފައިނަލުން ޑީއެސްއާރުސީ ރަނިން ޖާގަހޯދީ ސެމި ފައިނަލްގެ ފުރަތަމަ މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ކަނޑުހުޅުދޫ ބަލިކުރުމަށްފަހު އެވެ. އަދި ކަނޑުހުޅުދޫ ފައިނަލުން ޖާގަހޯދީ ސެމީފައިނަލް ދެވަނަ މެޗުން މޮޅުވި ރައިޒިން ބްލޫމްސް ޕްލޭއޮފް މެޗުގައި ފަހަތުން އަރައި 3-1 ގެ ނަތީޖާއަކުން ބަލިކުރުމަށްފަހު އެވެ.
މުޅި މުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ޑީއެސްއާރުސީ ރަނިން މެޗުގެ ފުރަތަމަ ސެޓް ހަ ޕޮއިންޓްގެ ލީޑަކާއެކު 19-25 ގެ ނަތީޖާއަކުން ކާމިޔާބުކުރިއިރު، ދެވަނަ ސެޓް އެޓީމުން ކާމިޔާބުކުރީ ނުވަ ޕޮއިންޓްގެ ލީޑަކާއެކު 16-25 ގެ ނަތީޖާއަކުންނެވެ.
ފައިނަލް މެޗުގެ ތިންވަނަ ސެޓުގައި ޑީއެސްއާރުސީ ރަނިން އެޓީމުގެ އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މިސެޓް އެޓީމުން ކާމިޔާބުކުރީ 14 ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 11-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ.
ގައްދޫ ކައުންސިލްގެ ފަރާތުން އިންތިޒާމްކޮށް މުޅި ހުވަދު އަތޮޅަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތުގެ އަންހެން ޑިވިޝަނުގައި މިއަހަރު އަށް ޓީމަކުން ވާދަކުރިއިރު، އޭގެ ތެރޭގައި ގައްދޫ ކައުންސިލްގެ ޚާއްސަ ދައުވަތަކަށް ފުވައްމުލަކު ސިޓީ އިން ބައިވެރިވި އަންހެން ދެޓީމު ވެސް ހިމެނެއެވެ.
23 ޑިސެންބަރު 2024 އިން 3 ޖެނުއަރީ 2025 ގެ ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގެ ޗެންޕިއަން ޓީމަށް 55،000 އަދި ރަނަރަޕް ޓީމަށް 25،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި ވާއިރު، މުބާރާތުގެ ޓައިޓަލް ސްޕޮންސަރ އަކީ ބީ ބޯލްޑް ޕްރައިވެޓް ލިމިޓެޑެވެ. އަދި މިމުބާރާތުގެ ހުރިހާ މެޗެއް އިވެންޓްކާސްޓް މޯލްޑިވްސް އިން ލައިވްކުރުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.