ޓޫރިޒަމް އާއި އެއާޕޯޓް ޓެކްސްތައް ބޮޑުކުރާ ބިލް, ރައީސް ތަސްދީގުކުރައްވައިފި
އަލްފާ އަލީ
11/5/2024, 12:39:22 PM
-
ރާއްޖޭގެ އެއާޕޯޓްތަކުން ރާއްޖޭން ބޭރަށް ފުރާ ފަރާތްތަކުގެ އަތުން ޓެކްސްއާއި ފީ ނެގުމާއި ރާއްޖޭގެ ޓޫރިޒަމްއާ ބެހޭ ޤާނޫނަށް ގެނައި އިސްލާހުތައް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
މި ބިލުތައް މަޖިލީހުން ފާސްކޮށްފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާގައެވެ.
މުދަލާއި ހިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް ގެނައި އިސްލާހުގައި ވަނީ ތުރުވެރިކަމުގެ ދާއިރާއިން ނަގަމުން އަންނަ ޓީޖީއެސްޓީ 16% އިން 17 % އަށް ބޮޑު ކުރުމަށެވެ. މި ބަދަލާއެކު ޓެކްސް ނަގަން ފަށާނީ އަންނަ ޖުލައި މަހުން ފެށިގެންނެވެ.
ގްރީން ޓެކްސް ބޮޑުކުރުމާ ބެހޭ އިސްލާހުގައި ވަނީ, 50 ކޮޓަރިއަށް ވުރެ މަދުން ހިންގާ ޓޫރިޒަމް ހިދުމަތްދޭ ތަންތަން ނުވަތަ ގެސްޓްހައުސްތަކުން ތިން ޑޮލަރުގެ ބަދަލުގައި ހަ ޑޮލަރު ނެގުމަށެވެ. އަދި ރިސޯޓުތަކުން ނަގާނީ ޓޫރިސްޓެއްގެ ބޮލަކަށް ހަ ޑޮލަރުގެ ބަދަލުގައި 12 ޑޮލަރެވެ. މިއަށް އަމަލުކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖެނުއަރީން ފެށިގެންނެވެ.
މީގެއިތުރުން ސަރުކާރުން ވަނީ ޑިޕާޗާ ޓެކުހުން އިކޮނޮމީ ކްލާހުން ދަތުރުކުރާނަމަ ދިވެހިންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 50 ޑޮލަރު ނެގުމަށް ހުށަހަޅާފަ އެވެ. ބިޒްނަސް ކްލާހުންނަމަ 120 ޑޮލަރު އަދި ފަސްޓް ކްލާހުން ނަމަ ދިވެހިންނާއި ބިދޭސީންގެ އަތުން ވެސް 240 ޑޮލަރު ނެގުމަށް ވަނީ ހިމަނާފަ އެވެ. ޑިޕާޗާ ޓެކުހުގެ އިތުރުން މިހާރު ނަގަމުން އަންނަ އެއާޕޯޓު ޑިވެލޮޕްމަންޓު ފީ ވެސް ދަތުރުކުރާ ކްލާހުގެ ނިސްބަތުން ހަމަ އެ މިންވަރަށް ވަނީ ބޮޑުކޮށްފަ އެވެ. މި ފީތައް ނަގަން ފަށާނީ އަންނަ ޖެނުއަރީ މަހުން ފެށިގެންނެވެ.