logoEN
Sto top
ޕެނެލްޓީގައި އުތުރުކޮޑާ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ގަސްދޮށުން ކަށަވަރުކޮށްފި

ޕެނެލްޓީގައި އުތުރުކޮޑާ ބަލިކޮށް ފައިނަލްގެ ދެވަނަ ޖާގަ ގަސްދޮށުން ކަށަވަރުކޮށްފި

ހަސަން ޝަމްއޫން

logo

11/1/2024, 6:00:27 PM

# ގައްދޫ ކައުންސިލުން ފުޓްސަލް ޗެލެންޖު 2024# ދިވެހި ކުޅިވަރު

އުތުރުކޮޑާއި ގަސްދޮށު އެސްސީ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ޝުރާއު / ގާފު ސްޕޯޓްސް

މިހާރު ކުރިއަށްދާ ރާއްޖޭގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް " ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024" ގެ ފިރިހެން ޑިވިޝަން ސެމީ ފައިނަލްގެ ދެވަނަ މެޗުގައި އެންމެ ފަހުގެ ރަނަރަޕް އުތުރުކޮޑާ ގަސްދޮށު ސްޕޯޓްސް ކުލަބު ކުޅުނު މެޗު 1-1ގެ ނަތީޖާއަކުން އެއްވަރުވެ ނަތީޖާ ނެރުމަށްޓަކަައި ޖެހި ޕެނެލްޓީގައި 4-2ގެ ނަތީޖާއަކުން މޮޅުވެ ފައިނަލުގެ ދެވަނަ ޖާގަ ގަސްދޮށުން ކަށަވަރުކޮށްފި އެވެ.

Wamco

މުބާރާތުގެ ސެމީ ފައިނަލުން އުތުރުކޮޑާ ޖާގަ ހޯދީ ކުޅުނު ހަ މެޗުން ލިބުނު 13 ޕޮއިންޓާއެކު ލީގުބުރުގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އަދި ގަސްދޮށުން ސެމީ ފައިނަލުގެ ޖާގަހޯދީ ކުޅުނު ހަ މެޗުން ލިބުނު 11 ޕޮއިންޓާއެކު ލީގު ބުރުގެ ހަތަރުވަނަ ޓީމުގެ ގޮތުގައެވެ. އަދިި މިދެޓީމު ލީގު ބުރުގައި ކުޅުނު މެޗު 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުން ކާމިޔާބުކޮށްފައި ވަނީ އުތުރުކޮޑާއެވެ.

ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެން ދިޔައިރު, މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ އުުތުރުކޮޑާއިންނެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަލީ ޝިޔާހު އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 1-0ގެ ނަތީޖާއަކުން އުތުރުކޮޑާ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ގަސްދޮށުން އެޓީމުގެ ކުޅުން ރަނގަޅުކުރިއިރު, އެޓީމުން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ކާމިޔާބުކޮށްދިނީ އިބްރާހިމް ސިނާހު އެވެ. އަދި މީގެ އިތުރުންވެސް މިހާފުގައި ދެޓީމުންވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ފުރިހަމަ ވަގުތުގެ ކުޅުން ނިމިގެން ދިޔައީ 1-1ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.

މިއާއެކު މެޗުގެ ނަތީޖާ ނެރުމަށްޓަކައި ޖެހި ޕެނެލްޓީގައި, އުތުރުކޮޑާއިން ޖެހި ހަތަރު ޕެނެލްޓީގެ ތެރެއިން ތިން ޕެނެލްޓީ ނާކާމިޔާބުވި އިރު އެޓީމަށް ކާމިޔާބުކުރެވުނީ އެންމެ ޕެނެލްޓީއެކެވެ. އަދި ގަސްދޮށުން ޖެހި ހަތަރު ޕެނެލްޓީގެ ތެރެއިން އެޓީމުން ވަނީ ތިން ޕެނެލްޓީ ކާމިޔާބުކޮށް, 4-2ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފައެވެ. އަދި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ގަސްދޮށު ޓީމުގެ ގޯލް ކީޕަރު އިބްރާހިމް ނާޖިހު އެވެ.

މިއަހަރުގެ މުބާރާތުގެ ސީނިއަރ ފިރިހެން ޑިވިޝަނުގައި ހަތް ޓީމަކުން ވާދަކުރިއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ލީގުއުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ހަތަރު ޓީމު ސެމީ ފައިނަލަށް ހޮވޭގޮތަށެވެ. އަދި މުބާރާތުގެ ފައިނަލުގައި އާދިއްތަ ދުވަހުގެ ރޭ ގަސްދޮށުން އެންމެ ފަހުގެ ޗެންޕިއަން ބޮއްކުރާއި ދެކޮޅަށް ނުކުންނައިރު މުބާރާތުގެ ތިންވަނަ ހޮވާމެޗުގައި އުތުރުކޮޑާ ނުކުންނާނީ މއައިލޯ ސިޓީއާ ދެކޮޅަށެވެ.

25 އޮކްޓޯބަރު 2024 އިން 03 ނޮވެމްބަރު 2024 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ހުރިހާ މެޗެއް އިވެންޓްކާސްޓް މޯލްޑިވްސް އިން ލައިވްކުރާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ގާފު ސްޕޯޓްސް އެވެ.

Maldivian
ކޮމެންޓް
Maldivian
ފަހުގެ
STELCO Inside