





%20(2).jpeg?w=3840&q=75)


ހުޅުމާލޭގެ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް:-
ހުޅުމާލޭގެ މަގުތައް ތަރައްޤީކުރުމަށާއި މަރާމާތުކުރުމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކާމިލް ދީދީ ޕްރައިމަރީ ސްކޫލް ކުރިމަތީގައި އޮންނަ މަގުގައި ތާރު އެޅުމުގެ މަސައްކަތް އެއްކޮށް ނިންމާލާފައެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، އެ ކޯޕަރޭޝަންގެ މައިގަނޑު އަމާޒަކީ އެ މަގު ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެ މަސައްކަތްތައް އަވަހަށް ނިންމައި، ވީހާވެސް އަވަސް މުއްދަތެއްގެ ތެރޭގައި އާންމު ދަތުރުފަތުރަށް އެ މަގު ހުޅުވާލުމެވެ.
ހުޅުމާލޭގެ 1.1 ކިލޯ މީޓަރުގެ މަގުތައް 6 މަސް ދުވަހުގެ ތެރޭގައި މަރާމާތުކޮށް ތަރައްޤީކުރުމަށް އެޗްޑީސީން ހަވާލުކޮށްފައިވަނީ ޗައިނާގެ ރޮޓައިމް އިންޖިނިއަރިންގ އެންޑް ޓެކްނޮލޮޖީ ކުންފުންޏާއެވެ.
މި އެއްބަސްވުމުގެ ދަށުން އެ ކުންފުންޏާ ހަވާލުކޮށްފައިވަނީ ހުޅުމާލެ ފޭސް 1 ގައި މިހާރު ނުނިމި ހުރި 5 މަގެއް ތަރައްޤީކުރުމުގެ މަސައްކަތާއި، ހުޅުމާލެ ފޭސް 2 ގެ ވިނަރެސް ފްލެޓްތައް ކައިރިން އޮތް މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތްތަކެވެ.




