ވާދަވެރި ކުޅުމަކަށްފަހު ގަލަކްޓިކޯ އިން ޓީރެކްސް ބަލިކޮށްފި
އަހުމަދު މާހު
10/30/2024, 4:00:54 PM
ޓީރެކްސް އާއި ގަލަކްޓިކޯ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: މާއު ގުރެފީ
މިހާރު ކުރިއަށްދާ ގައުމީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ހަޔެއްގައި ޓީރެކްސް އާއި ގަލަކްޓިކޯ ކުޅުނުމެޗު 10-16 ގެ ނަތީޖާއަކުން ގަލަކްޓިކޯ ކާމިޔާބުކޮށްފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ތިން ލަނޑުގެ ލީޑަކާއެކު 5-8 ގެ ނަތީޖާއަކުން ގަލަކްޓިކޯ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ގަލަކްޓިކޯ މިހާފުގައި އެޓީމުން އިތުރު އަށް ލަނޑު ކާމިޔާބިކުރިއިރު، ޓީރެކްސްއިން މިހާފުގައި ކާމިޔާބުކުރެވުނީ ފަސް ލަނޑެވެ.
އެގޮތުން މިމެޗުގައި ގަލަކްޓިކޯ ސަންފާ ރިޝްމީ ފަސް ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ލައުހާ ހުސެއިން ވަނީ ތިން ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ ހުސްނާ މުހައްމަދު، ޝައުނާ މުހައްމަދު އަދި އައިޝަތު ނައީމާ މިއިން ކޮންމެ ކުޅުންތެރިއަކު ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ ހިރުވާ މުހައްމަދު އަދި ހައްވާ ޒާހިރާ މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ޓީރެކްސްގެ އައުޝާ ނުރުލް ސޮބާހް ހަތަރު ލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އައިޝަތު ޚާޔާ ނާހިލް ވަނީ ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މީގެ އިތުރުން އެޓީމުގެ އައިޝަތު އިބާ އަހުމަދު، އައިޝަތު އައިނީ ހުސެއިން ، އައިޝަތު ޒިޔާނާ އިޔާޒް އަދި އިންޝާ އަހުމަދު ރިއްފަތު މިއިން ކޮންމެ ކުޅުންތެރިއަކު ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ގަލަކްޓިކޯގެ ފަރުޒާނާ އަބްދުލް އަލީމް އެވެ.
މިއަހަރުގެ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 26 ޓީމަކުން ބައިވެރިވެފައިވާއިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 26 ޓީމު ހަ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ޓީމުގެ އިތުރުން ،ހަ ގުރޫޕްގެ ދެވަނަ ހޯދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ދެ ޓީމަށް ވެސް މުބާރާތުގެ ކުއާޓާ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.