ފަސޭހަކަމާއެކު ހޯނޑެއްދޫ އެފްއޭ ބަލިކޮށް ލަޔަންސް ޑެން އިން ފެންވަރު ދައްކާލައިފި
އަހުމަދު މާހު
10/30/2024, 11:55:17 AM
ހޯޑެއްދޫ އާއި ލަޔަންސް ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް / ހުސެއިން
މިހާރު ކުރިއަށްދާ ރާއްޖޭގެ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް " ގައްދޫ ކައުންސިލް ފުޓްސަލް ޗެލެންޖް 2024" ގެ ޖޫނިއަރ ފިރިހެން ޑިވިޝަން ގުރޫޕް އޭގައި މިއަދު ހަވީރު ހޯޑެއްދޫ ފުޓްބޯޅަ އެކަޑަމީއާއި ލަޔަންސް ޑެން ވާދަކުރި މެޗު ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން ލަޔަންސް ޑެން އިން ކާމިޔާބުކޮށްފި އެވެ.
މުބާރާތުގައި ހޯޑެއްދޫ ކުޅުނު ފުރަތަމަ މެޗުގައި 3-2 ގެ ނަތީޖާއަކުން ވައިޓީކޭ އެފްސީ އަތުން މޮޅުވެފައިވާއިރު، މިއީ ލަޔަންސް އިން މުބާރާތުގައި ކުޅުނު ފުރަތަމަ މެޗެވެ.
ގައްދޫ ފުޓްސަލް ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ދެ ޓީމަށްވެސް ވަނީ ފުރަތަމަ ހާފުގައި ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ތަނަވަސަ ކޮށްފައެވެ. ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ ދެ ޓީމުންކުރެ އެއްޓީމަކަށްވެސް ލަނޑެއް ކާމިޔާބުނުކުރެވިއެވެ.
މެޗުގެ ދެވަނަ ހާފު ފެށިގެން ކުރީކޮޅުގައި ލަޔަންސްވަނީ ކުޅުން ރަނގަޅުކޮށް ލަނޑެއް ކާމިޔާބުކޮށްފައެވެ. ދެވަނަ ހާފުގައި ލަޔަންސް އިން ވަނީ ހަތަރު ލަނޑު ކާމިޔާބުކޮށްފައެވެ. މި ލަނޑުތައް ކާމިޔާބުކޮށްދިނީ އެޓީމުގެ އަބްދުالله ރިޒާން, ލާއިޝް އިބްރާހިމް, މުހައްމަދު ފައިޒާން އަދި އަޝްހަމް އެވެ. މި މެޗުގައި ހޯނޑެއްދޫއަށް ކާމިޔާބުކުރެވުނު ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 19 މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަލްތާފް އަޒީމް އެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ލަޔަންސް ޑެންގެ މުހައްމަދު ފައިޒާން އެވެ.
މިއަހަރުގެ މުބާރާތުގެ ޖޫނިއަރ ފިރިހެން ޑިވިޝަނުގައި ހަ ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި ހަޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ޓީމު ސެމީ ފައިނަލަށް ހޮވޭއިރު، ސެމީން ބަލިވާ ދެޓީމުގެ މެދުގައި ތިންވަނަ ހޮވާ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
25 އޮކްޓޯބަރު 2024 އިން 03 ނޮވެމްބަރު 2024 ގެ ނިޔަލަށް ކުރިއަށްދާ މިމުބާރާތުގެ ހުރިހާ މެޗެއް އިވެންޓްކާސްޓް މޯލްޑިވްސް އިން ލައިވްކުރާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ގާފު ސްޕޯޓްސް އެވެ.