އަހުމަދު ސަރީރު
ދިވެހި ރާއްޖެއިން ސައުދީ އަރަބިއްޔާއަށް ކަނޑައަޅާ ސަފީރަކަށް ކުރީގެ ފޮރިން ސެކެޓްރީ އަހުމަދު ސަރީރު އައްޔަނު ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު، ކުރީގެ ފޮރިން ސެކްރެޓަރީ އަހުމަދު ސަރީރުގެ ނަން މަޖިލީހަށް ފޮނުއްވައިފި އެވެ.
ރައިސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުޅުގައި ރައީސް އެދިވަޑައިގެންނެވީ އެ މަގާމަށް ސަރީރު އައްޔަނުކުރުމަށް މަޖިލީހުގެ ލަފާއަކަށެވެ, ރިޔާސަތުން ވަނީ އެ މައްސަލަ ދިރާސާ ކުރުމަށް މަޖިލީހުގެ ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުވާފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފޮރިން ސެކްރެޓަރީގެ މަގާމަށް ސަރީރު އަދާކުރައްވާފައި ވާއިރު, މީގެ ކުރިން އޭނާ ވަނީ 2012 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހުން ފެށިގެން ރާއްޖެއިން އދ. އަށް ކަނޑައަޅާފައިވާ ދާއިމީ މަންދޫބުގެ މަގާމު އަދާކުރައްވާފަ އެވެ.
މީގެ އިތުރުން އޭނާ ވަނީ އެމެރިކާގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ މަގާމުވެސް ފުރުއްވާފަ އެވެ.
ސަރީރު އަކީ 1987 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ ހާރިޖިއްޔާގެ އެކި މަގާމުތަކުގައި، އެކި ފެންވަރުގެ މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ އދ. ގައި ހުންނަވާ ރާއްޖޭގެ ދާއިމީ މަންދޫބުގެ އިތުރުން ބަންގްލަދޭޝްގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު ވެސް ފުރުއްވާފަ އެވެ. ސަރީރު ވަނީ ފޮރިން މިނިސްޓްރީގެ އެސިސްޓެންޓް އަންޑަރ ސެކްރެޓަރީ ކަމާއި އެސިސްޓެންޓް ޑިރެކްޓަރގެ އިތުރުން ޑިރެކްޓަރު ކަމާއި ޑިރެކްޓަރ ޖެނެރަލްގެ މަގާމުވެސް ފުރުއްވާފަ އެވެ.