މާހިލްގެ މޮޅު ކުޅުމާއެކު ރާއްޖެއިން ވަރުގަދަ ބަންގްލަދޭޝް މޮޅުވިޔަނުދީ ހިފަހައްޓައިފި
ހަސަން ޝަމްއޫން
9/22/2024, 4:38:44 PM
ބަންގްލަދޭޝާއި ރާއްޖެ ވާދަކުރި މެޗުގެ ތެރެއިން...
ބޫޓާންގައި މިހާރު ކުރިއަށްދާ 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ރާއްޖޭގެ ޒުވާން ގައުމީ ޓީމު ކުޅުނު ފުރަތަމަ މެޗުގައި މިއަދު ބަންގްލަދޭޝް އާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެއްޖެއެވެ.
މެޗުގެ ފުރަތަމަ ހާފުގައި މޮޅަށް ކުޅެ ބަންގްލަދޭޝުން މެޗު ޑޮމިނޭޓްކުރިއިރު، މިހާފުގައި އެޓީމުން ވަނީ ރާއްޖޭގެ ގޯލަށް ނުރައްކާތެރި ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. ނަމަވެސް މިހާފުގައި ރާއްޖޭގެ ކީޕަރު ހަސަން މާހިލް ނާސިރުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބުނުކުރެވި 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ބަންގްލަދޭޝުންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ހަތަރުވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެމްޑީ މުރުސެދު އަލީ އެވެ.
ރާއްޖެއިން މެޗުގެ ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 78 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން، މުހައްމަދު އިލާން އިމްރާން އެވެ. އަދި މެޗުގެ ފަހު ވަގުތުކޮޅުތެރޭގައި ބަންގްލަދޭޝުން ގާތްގާތުގައި ރާއްޖޭގެ ގޯލަށް ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް، މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބުނުކުރެވި 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ރާއްޖެ ޓީމުގެ ގޯލްކީޕަރު ހަސަން މާހިލް ނާސިރު އެވެ.
ރާއްޖެ އާއި ބަންގްލަދޭޝްގެ އިތުރުން ދެން މި ގުރޫޕްގައި ހިމެނެނީ މިދިޔަ އަހަރު ބޭއްވުނު 16 އަހަރުން ދަށު މުބާރާތުގެ ޗެމްޕިއަންކަން ހޯދި އިންޑިއާ އެވެ. އިންޑިއާ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ބަންގްލަދޭޝް ބަލިކޮށްފަ އެވެ.
މި ގުރޫޕްގެ ފުރަތަމަ މެޗުގައި މިދިޔަ ހުކުރު ދުވަހު އިންޑިއާ އިން ވަނީ ފަހު މިނިޓުގައި ކާމިޔާބުކުރި ލަނޑާއެކު 1-0 ގެ ނަތީޖާއަކުން ބަންގްލަދޭޝް ބަލިކޮށްފަ އެވެ. މިއާ އެކު އިންޑިއާއަށް ސެމީ ފައިނަލުގެ ޖާގައެއް ވަނީ ކަށަވަރުވެފައެވެ. އަދި މިގުރޫޕްގައި ދެން ބާކީ އޮތީ އަންގާރަ ދުވަހު ރާއްޖެ އާއި އިންޑިއާ ވާދަކުރާ މެޗެވެ.