![ވާދަވެރި ކުޅުމަކަށްފަހު އެމްއޯއީ އިން އެމްސީއެސް ބަލިކޮށްފި](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F9%2F1000018557.jpg&w=3840&q=75)
ވާދަވެރި ކުޅުމަކަށްފަހު އެމްއޯއީ އިން އެމްސީއެސް ބަލިކޮށްފި
# ހޭންޑްބޯލް މޯލްޑިވްސް# އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތް 2024# ދިވެހި ކުޅިވަރު # އަންހެން ދެވަނަ ޑިވިޝަންއެމްސީއެސް އާއި އެމްއޯއީ ވާދަކުރި މެޗުގެ ތެރެއިން.. ފޮޓޯ: ގާފު ސްޕޯޓްސް/ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް އޭގައި މިރޭ މިނިސްޓްރީ އޮފް އެޑިއުކޭޝަން (އެމްއޯއީ) އާއި މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީއެސް) ކުޅުނު މެޗު ވާދަވެރި ކުޅުމަކަށްފަހު 20-27 ގެ ނަތީޖާއަކުން އެމްއޯއީ ކާމިޔާބުކޮށްފިއެވެ.
![Wamco](/_next/image?url=%2Fsikundi-content%2Fuploads%2F2024%2F12%2Fcommercial-300%C3%83%C2%97300.gif&w=3840&q=75)
މުބާރާތުގައި އެމްސީއެސް ކުޅުނު ފުރަތަމަ މެޗުގައި 33-02 ގެ ތަފާތުބޮޑު ނަތީޖާއަކުން މިނިސްޓްރީ އޮފް ސިޓީސް ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސް (އެމްސީއެލްޕީ) އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ ވާދަވެރި ކުޅުމަކަށްފަހު 21-17 ގެ ނަތީޖާއަކުން ޖީއާރުސީ ބަލިކޮށްފައެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި ސިވިލް ކޯޓް (ސީވީސީ) އާއި ވާދަކޮށް މޮޅުވީ 28-08 ގެ ނަތީޖާއަކުންނެވެ. އަދި އެމްއޯއީގެ ފުރަތަމަ މެޗުގައި 21-10 ގެ ނަތީޖާއަކުން ގޭސް ރެކްރިއޭޝަން ކުލަބު (ޖީއާރުސީ) އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި، ފައި ސިވިލް ކޯޓް (ސީވީސީ) އަތުން އެޓީމު މޮޅުވީ 03-37 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މިއީ އެޓީމުގެ ތިންވަނަ މެޗެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 10-10 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެމްއޯއީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތިޖާއެއްގެ ގޮތުން ދެވަނަ ހާފުގައި އެޓީމުން އިތުރު 17 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި އެމްސީއެސްއަށް ކާމިޔާބުކުރެވުނީ އިތުރު 10 ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އެމްއޯއީގެ މަރިޔަމް މަނާލް އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް ހަ ލަނޑު ކާމިޔާބުކޮށްދީފައެވެ.
މިނަތީޖާއެކު އެމްއޯއީ ކުޅުނު ތިން މެޗުން މޮޅު އެޓީމަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި އެމްސީއެސް ކުޅުނު ހަތަރު މެޗުން އެޓީމަށް ވެސް ވަނީ ނުވަ ޕޮއިންޓް ލިބިފައެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.