




.jpg?w=3840&q=75)



ބޭރުގެ އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވައިިއެވެ.
"ނޭޝަން ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދައުލަތުގެ ދަރަނިތައް ދައްކައި، ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދެމުން އިންވެސްޓަރުންގެ އިތުބާރު ހޯދުން ކަމަށެވެ. އަދި މި އަމާޒު ހާސިލުކުރެވެނީ ރިޒާވް ވަރުގަދަކޮށްގެން ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން ރާއްޖޭގެ ރިޒާވް ދަށްވެ، އަސާސީ ތަކެތި އެތެރެކުރެވޭނެ މިންވަރަށްވެސް ފައިސާ ނެތް ކަމަށް ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކަށް ރައީސް ވަނީ ރައްދު ދެއްވާފައެވެ. އެގޮތުން ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ މުދާ މެދުކެނޑުމެއް ނެތި ލިބޭނެ އިންތިޒާމު ސަރުކާރުން ހަމަޖައްސަމުންދާ ކަމަށް ވިދާޅުވިއެވެ.
ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިޤްތިޞާދީ ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ހުރި ނަމަވެސް، އެންމެ ބޮޑު އިސްކަމެއް ދެއްވީ ޤައުމު ބަނގުރޫޓުވިޔަ ނުދީ ހިފެހެއްޓުމަށް ކަމަށާއި ދަރަނި އަދާކުރުމުގެ ކަންކަން ހަމައެކަނި ރިޒާވުން ހަމަޖެއްސުމުގެ ބަދަލުގައި، ސޮވެރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) ވަރުގަދަކުރުމުގެ މަސައްކަތްވެސް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށާއި، މިކަމުގެ ފައިދާ ކުރިމަގުގައި ރައްޔިތުންނަށް ކުރާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ސަރުކާރުގެ ހަރުދަނާ ސިޔާސަތުތަކާއެކު ފާއިތުވި ފެބުރުވަރީ މަހު ރާއްޖޭގެ ތާރީޚުގައިވެސް ނުވާ މިންވަރަށް، ރިޒާވް 1.2 ބިލިއަން ޑޮލަރަށް އުފުލުނުކަން ރައީސް ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލި، ދުނިޔޭގެ ވިޔަފާރީގެ މާހައުލަށް އައި ލޮޅުމުގެ ސަބަބުން ރާއްޖެއަށްވެސް އޭގެ އަސަރުކުރި ކަމަށް ވިދާޅުވިއެވެ. އަދި އެފަދަ ދަތި ހާލަތެއްގައިވެސް 500 މިލިއަން ޑޮލަރުގެ ސުކޫކް ފަދަ ބޮޑެތި ބޭރުގެ ދަރަނިތައް ސަރުކާރުން އަދާކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
ރާއްޖޭގެ އިޤްތިޞާދު ސިންދަފާތުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ބާއްވަވާ އިންވެސްޓަރ ފޯރަމްތަކުގެ ޒަރީއާއިން ރާއްޖޭގައި ހުރި ފުރުޞަތުތައް ބޭރުގެ ފަރާތްތަކަށް ހާމަކޮށްދެމުންދާ ކަމަށެވެ. އެގޮތުން ފަތުރުވެރިކަމާއި މަސްވެރިކަމުގެ އިތުރުން އެހެނިހެން ދާއިރާތަކުންވެސް ބޭރުގެ ކުދި، މެދު އަދި ބޮޑެތި އިންވެސްޓަރުން ރާއްޖެއަށް އަންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށް ވިދާޅުވިއެވެ.






.jpg?w=3840&q=75)

