




.jpg?w=3840&q=75)

-1790261966339.jpeg?w=3840&q=75)

ދުނިޔޭގެ އެންމެ ބޮޑު ޑިޕްލޮމެޓިކް މަންސަ ކަމުގައިވާ އދ. ގެ ޢާންމު މަޖިލީހުގެ 81 ވަނަ ސެޝަންގައި، ދިވެހިރާއްޖޭގެ ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް ދެއްވި ތަޤުރީރަކީ ދުނިޔެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތަކާއި، އިންސާނިއްޔަތުގެ ޙައްޤުގައި ރާއްޖެއިން ގެންގުޅޭ ހަރުދަނާ ސިޔާސަތުތައް ސާފުކޮށް ހާމަކޮށްދިން ތާރީޚީ ތަޤުރީރެކެވެ. އެމެރިކާގެ ނިއުޔޯކުގައި ދެއްވި މި ބަޔާނުގައި ނައިބު ރައީސް ވަނީ ބައިނަލްއަޤްވާމީ މުހިންމު އެތައް މައްސަލައަކަށް އަލިއަޅުއްވާލައްވައި، ސާބިތުކަމާއެކު ދިވެހިންގެ އަޑު އިއްވަވާފައެވެ.
މި ތަޤުރީރުގެ އެންމެ މުހިންމު އެއް ނުކުތާއަކީ ފަލަސްޠީނުގެ ރައްޔިތުންގެ ޙައްޤުގައި ކުރެއްވި ވަކާލާތެވެ. އިސްރާއީލުން ހިންގަމުންދާ ލާއިންސާނީ ޤަތުލުޢާންމާއި ހަނގުރާމައިގެ ޖަރީމާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ޣައްޒާގެ ޤަތުލުޢާންމު ވަގުތުން ހުއްޓާލުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ފަލަސްޠީނުގެ ބިންތައް ފޭރިގަތުމާއި ވަޒަންވެރިކުރުވުމުގެ ޢަމަލުތައް ނިމުމަކަށް ގެނެސް، 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް އިރުމަތީ ޤުދުސްއަކީ ވެރިރަށް ކަމުގައި ހަމަޖައްސައި، ފަލަސްޠީނަށް އދ. ގެ ފުރިހަމަ މެންބަރުކަން ދިނުމަށް ތަކުރާރުކޮށް ގޮވާލެއްވިއެވެ. ނައިބު ރައީސް ވިދާޅުވި ފަދައިން، ފަލަސްޠީނުގެ ރައްޔިތުންނަށް ސިޔާދަތީ މުސްތަޤުބަލެއް ލިބުމަކީ އެމީހުންގެ ކަރާމާތާއި އަމިއްލަ ދައުލަތެއްގައި އަމާންކަމާއެކު ދިރިއުޅުމުގެ ޙައްޤު ކަމަށާއި، މި ޙައްޤުތައް ހޯދައިދިނުމުގައި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނީ ފަލަސްޠީނާއެކުގައެވެ.
ތިމާވެށްޓާއި މޫސުމީ ބަދަލުތަކުގެ ނުރައްކަލަށް ބައްލަވާލައްވަމުން، ނައިބު ރައީސް ފާހަގަކުރެއްވީ ކަނޑުގެ ލޮނުގަނޑު އުފުލުމަކީ ހަމައެކަނި ތިމާވެށީގެ މައްސަލައެއް ނޫން ކަމަށާއި، އެއީ ޤައުމީ ސަލާމަތާއި ސިޔާދަތާ ގުޅިފައިވާ ޒާތީ މައްސަލައެއް ކަމެވެ. ނަމަވެސް، މިފަދަ ބަދަލުތަކަކުން ރާއްޖޭގެ ދައުލަތް ނެތިގެން ނުދާނެ ކަމަށާއި، ކަނޑުގެ ސަރަޙައްދުތަކުން ލިބިދޭ އެއްވެސް ޙައްޤަކަށް އުނިކަމެއް ނާންނާނެ ކަމުގެ ސާބިތު ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. މީގެއިތުރުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ލީޑަރޝިޕްގެ ދަށުން 2040 ވަނަ އަހަރަށް ރާއްޖެއަކީ ތަރައްޤީވެފައިވާ ޤައުމަކަށް ހެދުމަށްޓަކައި އިޤްތިޞާދު ސިންދަފާތުކޮށް، އިޔާދަކުރަނިވި ހަކަތައާއި އުމްރާނީ ތަރައްޤީ ފުޅާކުރުމަށް ކުރެވޭ މަސައްކަތްތައް ހިއްސާކުރެއްވިއެވެ.
ސަރަޙައްދީ ހަމަޖެހުމާއި ސަލާމަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން، އިންޑިއާ ކަނޑަކީ ސުލްޙަވެރި ވިޔަފާރީގެ ސަރަޙައްދެއްގެ ގޮތުގައި އޮންނަންޖެހޭނެ ކަމަށާއި، ބޮޑެތި ބާރުތަކުގެ ވާދަވެރިކަމުގެ ސަބަބުން ކުދި ޤައުމުތަކުގެ މިނިވަންކަމަށް ހުރަސްއެޅިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ. އަދި ހުރްމޫޒް ކަނޑުއޮޅި ބަންދުކުރުމާއި، ސަޢުދީ ޢަރަބިއްޔާ، ޔޫ.އޭ.އީ، ބަޙްރައިން، ޤަޠަރު، ކުވައިތު، އޮމާން އަދި އުރުދުންއަށް ދެމުންދާ ޙަމަލާތައް ކުށްވެރިކުރައްވައި، މައްސަލަތައް ޙައްލުކުރުމަށް އޮމާން، ޕާކިސްތާން އަދި ޤަޠަރުން ކުރާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް މަރުޙަބާ ވިދާޅުވިއެވެ. ހަމައެއާއެކު، އާޓިފިޝަލް އިންޓެލިޖެންސް (AI) ގެ ބޭނުން ހިފައި ޞިއްޙަތާއި ތަޢުލީމު ކުރިއެރުވުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރައްވައި، އޭއައިގެ އުސޫލުތައް އެކުލަވާލުމުގައި ހުރިހާ ޤައުމެއްގެ ބައިވެރިވުން މުހިންމުކަން ފާހަގަކުރެއްވިއެވެ.
ނައިބު ރައީސްގެ ތަޤުރީރުގައި އދ. ގެ ނިޒާމަށް ގެންނަންޖެހޭ އިސްލާޙީ ބަދަލުތަކުގެ މައްޗަށްވެސް ބާރުއެޅުއްވިއެވެ. އެގޮތުން، ސަލާމަތީ މަޖިލީހުގެ ވީޓޯގެ ބާރު އުވާލުމަށާއި، ކުދި ޖަޒީރާ ޤައުމުތަކަށާއި އެފްރިކާއަށް ސަލާމަތީ މަޖިލީހުން ޙައްޤުވާ ޖާގަ ދިނުމަށް ގޮވާލެއްވިއެވެ. އަދި އދ. ގެ 80 އަހަރުވީ ތާރީޚުގައި ފުރަތަމަ ފަހަރަށް ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް އަންހެން ބޭފުޅަކު އިންތިޚާބުކުރުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ތަޤުރީރު ނިންމަވާލައްވަމުން، ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އަދާކުރަން ބޭނުންވާ އިސް ދައުރު ހާމަކުރެއްވިއެވެ. އެގޮތުން 2027 އިން 2029 އަށް އިކޮނޮމިކް އެންޑް ސޯޝަލް ކައުންސިލް (ECOSOC) ގެ ގޮނޑި ރާއްޖެއިން ފުރާނެކަން ހާމަކުރައްވައި، 2028-2030 ގެ އިންސާނީ ޙައްޤުތަކާބެހޭ މަޖިލީހަށާއި، 2033-2034 ގެ ސަލާމަތީ މަޖިލީހުގެ ގޮނޑިއަށް ރާއްޖެއިން ކުރިމަތިލާފައިވާތީ މެންބަރު ޤައުމުތަކުގެ ތާއީދަށް އެދިވަޑައިގެންނެވިއެވެ. މި ތަޤުރީރަކީ ދުނިޔޭގެ ސުލްޙައާއި ޢަދުލުއިންޞާފުގެ މައިދާނުގައި ރާއްޖެއަކީ ކުޑަ ނަމަވެސް ބަސްވިކޭ، ވިސްނުންތެރި އަދި ހަރުދަނާ ޤައުމެއްކަން އަނެއްކާވެސް ސާބިތުކޮށްދިން މުހިންމު މުނާސަބަތެކެވެ.







.jpg?w=3840&q=75)
