

.jpg?w=3840&q=75)






އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާ (އދ.) ގެ ސަލާމަތީ މަޖިލީހުގައި ހިމެނޭ ބޮޑެތި ބާރުތަކަށް ދީފައިވާ ވީޓޯ ކުރުމުގެ ޚާއްޞަ އިޚްތިޔާރު އުވާލައި، ކުދި ޖަޒީރާ ދައުލަތްތަކަށް ޚާއްޞަ ގޮނޑިއެއް އެ މަޖިލީހުން ކަނޑައަޅައިދިނުމަށް ރާއްޖޭގެ ނައިބު ރައީސް އަަލް އުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ގޮވާލައްވައިފިއެވެ.
އދ.ގެ 81 ވަނަ ޢާންމު މަޖިލީހުގެ ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ބަޔާން އިއްވަވަމުން ނައިބު ރައީސް ފާހަގަކުރެއްވި ގޮތުގައި، ޒަމާނަށް އަންނަމުންދާ އަވަސް ބަދަލުތަކާއެކު އދ. ގެ ނިޒާމުވެސް ޒަމާނީ އިޞްލާޙުތަކަށް ޖާގަދޭން ޖެހެއެވެ. އަދި މިފަދަ ބަދަލުތަކުގެ ތެރެއިން ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ޙައްޤުތައް ފުރިހަމައަށް ތަމްސީލުވުމުގެ މުހިންމުކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އދ. އިޞްލާޙު ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދަންވާނީ މެންބަރު ހުރިހާ ޤައުމެއްގެ ބައިވެރިވުން ހިމެނޭ ގޮތަށް، ދެފުށް ފެންނަ ހަމަހަމަ އުޞޫލަކުން ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ. އަދި މިއަދުގެ ދުނިޔެއަށް ނިންމުންތައް ނިންމުމުގައި 1945 ވަނަ އަހަރުގެ ބޯދާ ވިސްނުން ދޫކޮށްލަން ޖެހޭ ކަމަށާއި، އެފްރިކާގެ ބައްރަށާއި ކުދި ޤައުމުތަކަށް އެ މަޖިލީހުން ޙައްޤުވާ ޖާގަ ލިބެންޖެހޭ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ބައިނަލްއަޤްވާމީ ޤާނޫނުތަކަކީ ކުދި ޤައުމުތަކުގެ ޙިމާޔަތުގައި އޮތް އެންމެ ވަރުގަދަ އައްޑަނަ ކަމަށް ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، މިއަދު ދިވެހިރާއްޖެއިން އެދެނީ ކޮންމެ ދައުލަތަކަށްވެސް އެ ޤައުމެއްގެ ސިޔާދަތީ މިނިވަންކަމާއެކު އަމިއްލަ މުސްތަޤްބަލު ކަނޑައެޅުމުގެ ފުރިހަމަ އިޚްތިޔާރު ލިބިފައި އޮތުން ކަމަށެވެ.


.jpg?w=3840&q=75)




