ތަފާތުބޮޑު ނަތީޖާއަކުން ވައިއާރުސީ ބަލިކޮށް ސްޓެލްކޯ ކުއާޓާ ފައިނަލަށް
ހަސަން ޝަމްއޫން
9/4/2024, 5:20:35 PM
ވައިއާރުސީ އާއި ސްޓެލްކޯ ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް/ ހުސެއިން
8 ވަނަ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަން ގުރޫޕް ޑީގައި މިރޭ ސްޓެލްކޯ އާއި ޔޫތު ރެކްރިއޭޝަން ކުލަބު (ވައިއާރުސީ) ވާދަކުރި މެޗު ފަސޭހަކަމާއެކު 31-02 ގެ ތަފާތުބޮޑު ނަތީޖާއަކުން މޮޅުވެ، ސްޓެލްކޯ އިން މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މުބާރާތުގައި ސްޓެލްކޯ ކުޅުނު ފުރަތަމަ މެޗުގައި 20-09 ގެ ނަތީޖާއަކުން މޯލްޑިވްސް ނެޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި، ފައި ރެކްރިއޭޝަން ކުލަބު (އެފްއާރުސީ) އަތުން އެޓީމު މޮޅުވީ 04-24 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ވައިއާރުސީގެ ފުރަތަމަ މެޗުގައި 10-08 ގެ ނަތީޖާއަކުން ފަހި ރެކްރިއޭޝަން ކުލަބު (އެފްއާރުސީ) އަތުން އެޓީމު ބަލިވިއިރު، މިއީ އެޓީމުގެ ދެވަނަ މެޗެވެ.
މުޅި މެޗުގައި ވެސް ސްޓެލްކޯގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 15 ޕޮއިންޓްގެ ލީޑަކާއެކު 01-16 ގެ ތަފާތުބޮޑު ނަތީޖާއަކުން ސްޓެލްކޯ ކުރީގައި އޮވެގެންނެވެ. އަދި މެޗުގެ ދެވަނަ ހާފުގައި އެޓީމުން އިތުރު 15 ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ވައިއާރުސީއަށް ކާމިޔާބުކުރެވުނީ އެންމެ ލަނޑެވެ. އަދި މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ސްޓެލްކޯގެ ޔަސްފާ އާދަމް އެވެ. އޭނާ ވަނީ މިމެޗުގައި އެޓީމަށް 12 ލަނޑު ކާމިޔާބުކޮށްދީފައެވެ
މިނަތީޖާއެކު ކުޅުނު ތިން މެޗުން ސްޓެލްކޯއަށް ނުވަ ޕޮއިންޓް ލިބިފައިވާއިރު، މިމެޗުން ބަލިވި ވައިއާރުސީ ކުޅުނު ދެ މެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި އެޓީމު މިވަގުތު އޮތީ ގުރޫޕްގެ ފުލުގައެވެ.
މިއަހަރުގެ އޮފީސް/ކޮމްޕެނީ ހޭންޑްބޯޅަ މުބާރާތުގެ އަންހެން ދެވަނަ ޑިވިޝަނުގައި 20 ޓީމަކުން ވާދަކުރަމުން އަންނައިރު، މިޑިވިޝަނުގެ މެޗުތައް ކުރިއަށްދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. އެގޮތުން ކޮންމެ ގުރޫޕެއްގައި ފަސް ޓީމު ހިމެނޭއިރު، ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ކުއާޓާ ފައިނަލުން ފުތުސަތު ލިބިގެންދާނެއެވެ.