








-
ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަތީފް، ބަނގްލަދޭޝްގެ ބޮޑުވަޒީރު ހިޒް އެކްސެލެންސީ ތާރިޤު ރަޙްމާނާ ރަސްމީކޮށް ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ އެމެރިކާގެ ނިއުޔޯކުގައި މިހާރު ކުރިއަށްދާ އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި، އދ. ގެ އާންމު މަޖިލީހުގެ 81 ވަނަ ސެޝަންގެ ރިޔާސަތާ ޙަވާލުވެވަޑައިގަތުމާ ގުޅިގެން، ބަނގްލަދޭޝްގެ ޚާރިޖީ ވަޒީރު ޑޮކްޓަރ ޚަލީލުއްރަޙްމާނަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މަރުޙަބާ ދަންނަވާފައެވެ. އަދި ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި، ބަނގްލަދޭޝްގެ ސަރުކާރަށާއި އެ ޤައުމުގެ ރައްޔިތުންނަށް އެމަނިކުފާނު ވަނީ މަރުޙަބާއާއި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ.
ދެކުނު އޭޝިއާ ސަރަޙައްދަށް ނިސްބަތްވާ މި ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން، ދެ ޤައުމުގެ މަސްލަޙަތު ހިމެނޭ ދާއިރާތަކުން ގުޅުން އިތުރަށް ހަރުދަނާކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި އެކި ދާއިރާތަކުން އެއްބާރުލުން ފުޅާކުރުމާއެކު، ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ އިޖުތިމާޢީ އަދި އިޤްތިޞާދީ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުކުރެއްވުމުގައި ބަނގްލަދޭޝްގެ ބޮޑުވަޒީރު ތާރިޤު ރަޙްމާނު ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަރިސްކުރެއްވި ތަހުނިޔާއާއި ހެޔޮއެދުންތަކަށް ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، އދ. އާއި އެހެނިހެން ބައިނަލްއަޤްވާމީ މަންސަތަކުގައި ދެ ޤައުމު ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވައި، ދޭދޭ މަސްލަޙަތު ކުރިއެރުވުމަށްޓަކައި ދިވެހިރާއްޖެއާއެކު ގާތުން މަސައްކަތްކުރެއްވުމަށް ބަންގްލަދޭޝް އަބަދުވެސް ތައްޔާރަށް އޮތްކަމުގެ ފުރިހަމަ ޔަޤީންކަން ބޮޑުވަޒީރު ވަނީ ދެއްވާފައެވެ.







.jpg?w=3840&q=75)