








އެމްޕީއެލް ވިޔަފާރި ބަނދަރު- ފޮޓޯ: އެމްޕީއެލް
ޤައުމެއްގެ އިޤްތިޞާދީ މިނިވަންކަމާއި ދެމެހެއްޓެނިވި ތަރައްޤީ ބިނާވެފައިވަނީ އެ ޤައުމެއްގެ ރައްޔިތުންނަށާއި ވިޔަފާރިވެރިންނަށް ލިބިދޭ ފުރުޞަތުތަކުގެ މައްޗަށެވެ. މިގޮތުން، ރާއްޖޭގެ އިޤްތިޞާދު އިތުރަށް ހަރުދަނާކޮށް، ދިވެހި ވިޔަފާރިތައް ބާރުވެރިކުރުވުމުގެ މަޤްޞަދުގައި ސަރުކާރުން މިވަނީ މުހިންމު ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. އަންނަ މަހުގެ 8 ވަނަ ދުވަހުން ފެށިގެން މުހިންމު ދެ ދާއިރާއެއްގައި ވިޔަފާރިކުރުމުގެ ފުރުޞަތު ހަމައެކަނި ދިވެހިންނަށް ޚާއްޞަކުރުމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއިން ނިންމެވި ނިންމެވުމަކީ މީގެ ރަނގަޅު ހެއްކެކެވެ.
ސަރުކާރުން ޤާނޫނަށް ގެންނެވި އިޞްލާޙުތަކާ އެކު، އަންނަ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުން ފެށިގެން ރާއްޖޭގައި ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިކުރާ ބޭރުގެ ފަރާތްތަކާއި، ކާގޯ ސޭލްސް އޭޖެންޓް، ޖެނެރަލް ސޭލްސް އޭޖެންޓް (ޖީ.އެސް.އޭ) އަދި ޕަސެންޖަރ ސޭލްސް އޭޖެންޓް (ޕީ.އެސް.އޭ) ގެ ޚިދުމަތް ދެމުންދާ ބޭރުގެ ފަރާތްތަކުން އެ ވިޔަފާރިތައް ހުއްޓާލަން ޤާނޫނުން ލާޒިމުކުރެއެވެ. މި ބަދަލާ ގުޅިގެން، އައު ފޮރިން އިންވެސްޓްމަންޓް އެންޓްރީ ރިކުއަރމަންޓްސްއާ އެއްގޮތްވާ ގޮތުގެ މަތިން ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި ފިޔަވަޅުތައް އެޅުމަށް އިޤްތިޞާދީ ވުޒާރާއިން ވަނީ ބޭރުގެ ކުންފުނިތަކަށް އަންގަވާފައެވެ.
މި އިންތިޤާލީ މަރުޙަލާގެ އިންތިޒާމުތަކާ ގުޅިގެން ބައެއް ކުންފުނިތަކަށް ގުޅުމަށް މަސައްކަތް ކުރެވުނު ނަމަވެސް، 8 ކުންފުންޏަކާ ގުޅޭގޮތް ނުވުމުން އެ ވުޒާރާއިން ވަނީ އެ ފަރާތްތަކުގެ ނަންތައް ޢާންމުކޮށް އިޢުލާންކުރައްވާފައެވެ. އަދި އިންވެސްޓް މޯލްޑިވްސްއާ ގުޅައިގެން، އައު ޤަވާޢިދުގެ ދަށުން އިންތިޤާލީ މަރުޙަލާގެ ޝަރުޠުތައް ފުރިހަމަކުރުމަށާއި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް އެ ކުންފުނިތަކަށް ވަނީ އަންގަވާފައެވެ.
އެއަރލައިންތަކުގެ ޖެނެރަލް ސޭލްސް އެޖެންޓުންނާއި، ޕަސެންޖަރ ސޭލްސް އެޖެންޓުން އަދި ކާގޯ ސޭލްސް އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ ސައްތައިން ސައްތަ ދިވެހި ކުންފުނިތަކަށް އެކަނި ކަމަށް ސަރުކާރުން ނިންމަވާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގައެވެ. މި ނިންމުމުގެ ސަބަބުން، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށާއި އެވިއޭޝަން ދާއިރާގައި ހަރަކާތްތެރިވާ ދިވެހި ވިޔަފާރިތަކަށް އިންތިހާއަށް ބޮޑެތި ކުރިއެރުންތަކަކާއި ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ. ވިޔަފާރިތަކުގެ އިތުރުން، ބައެއް ޚާއްޞަ ދާއިރާތަކުގެ ވަޒީފާތަކަކީވެސް ހަމައެކަނި ދިވެހިންނަށް އަދާކުރެވޭނެ ވަޒީފާތަކެއްގެ ގޮތުގައި ސަރުކާރުން ވަނީ ކަނޑައަޅުއްވާފައެވެ.
ޤައުމުގެ މުހިންމު ވިޔަފާރި ދާއިރާތައް ދިވެހިންނަށް ޚާއްޞަކުރުމަކީ ރާއްޖޭގެ އިޤްތިޞާދީ ދައުރުވުމުގެ ތެރޭގައި ފައިސާ ހިފެހެއްޓި، ޤައުމުގެ މާލީ ޙާލަތު އިންތިހާއަށް ވަރުގަދަވެގެންދާނެ ކަމެކެވެ. މިއީ ދިވެހި ޒުވާނުންނަށާއި ވިޔަފާރިވެރިންނަށް އަމިއްލަ ޤައުމުގައި ފަޚުރުވެރިކަމާއެކު ކުރިއަށްދިއުމަށް މަގުފަހިކޮށްދޭ، ދުރުވިސްނުންތެރި އަދި އެހާމެ ބިނާކުރަނިވި އިޤްތިޞާދީ ސިޔާސަތެކެވެ.




