ހަނިއްޔާ އަވަހާރަކޮށްލުން: އިރާނުން ބަދަލު ހިފާނެ ކަމުގެ އިންޒާރު އެގައުމުގެ ރައީސް ދެއްވައިފި
އަހުމަދު ޝުރާއު
7/31/2024, 7:45:31 AM
--
ފަލަސްތީނުގެ މިނިވަން ކަމަށް ޖިހާދުކުރަމުންދާ ހަމާސް ޖަމާއަތުގެ ސިޔާސީ ލީޑަރ އިސްމާއީލް ހަނިއްޔާ އަވަހާރަކޮށްލަން އިރާނުގެ ވެރިރަށް ތެހެރާނަށް ދިން ހަމަލާގެ ބަދަލު ހިފާނެ ކަމުގެ އިންޒާރު އެގައުމުގެ ރައީސްކަމުގެ ހުވާ އިއްޔެ ކުރެއްވި މަސްއޫދު ޕެޒެޝްކިއަން ދެއްވައިފި އެވެ.
މަސްއޫދު ޕެޒެޝްކިއަން މިފަދައިން ހާމަކުރެއްވީ ހަނިއްޔާ އަވަހާރަކޮށްލަން އިރާނުގެ ފަސްގަނޑުގައި ޔަހޫދީން ދިން ހަމަލާއާއި ގުޅޭގޮތުން މީގެ އިރުކޮޅެއް ކުރިން ނެރުއްވި ބަޔާނެއްގައި އެވެ.
އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ތެހެރާނުން އެގައުމުގެ ސަރަހައްދީ އެއްބައިވަންތަކަމާއި ކަރާމާތް ދިފާއުކުރާނެ ކަމަށެވެ.
އިސްލާމިކް ރިޕަބްލިކް އޮފް އީރާނުން އެގައުމުގެ ސަރަހައްދީ އެއްބައިވަންތަކަމާއި ޝަރަފާއި ކަރާމާތާއި ފަޚުރު ދިފާއުކޮށް، ޓެރަރިސްޓު އަމަލުތައް ހިންގާ މީހުންނަށް އެމީހުންގެ ބިރުވެރި އަމަލުތަކާ މެދު ހިތާމަ ކުރާން ޖެހޭނެ ކަން ޔަގީންކުރާނެ ކަމަށް ވެސް ބަޔާނުގައި ބުނެފައި ވެއެވެ.
މަސްއޫދު ޕެޒެޝްކިއަން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ޝަހީދު ހާނިއްޔާ ބައިވެރިވެވަޑައިގެންނެވި އެވެ. އަދި އެ ރަސްމިއްޔާތައްފަހު އެދެބޭފުޅުން ވަނީ ރަސްމީ މަޝްވަރާތަކެއްވެސް ކުރިޔަށް ގެންގޮސްފައި އެވެ. ރިޕޯޓުތައް ބުނާގޮތުގައި ހަނިއްޔާ އެންމެ ފަހުން ބައްދަލުކުރެއްވި އެއް ލީޑަރަކީވެސް އިރާނުގެ ރައީސްއެވެ.
އީރާނުގެ ދައުލަތުގެ މީޑިއާއިން ބުނި ގޮތުގައި ހަނިއްޔާ އަވަހާރަކޮށްލާފައިވަނީ ރާއެގައުމުގެ ރޭ ދަންވަރު 2:00 އެހާކަންހާއިރު ކަމަށާއި އޭނާ ހުންނެވީ ތެހެރާނުގައި ހުންނަ "ހަނގުރާމައިގައި ބައިވެރިވި މީހުންނަށް ހާއްސަ ގެއެއްގައި" ކަމަށެވެ. އަދި އެގެއަކީ ތެހެރާނުގެ އުތުރުގައި ހުރި ގެއެއް ކަމަށާވެސް ވަނީ ބުނެފައި އެވެ.
އަދި މި ހަމަލާދީފައިވަނީ ވައިގެ މަގުން މިސައިލް ހަމަލާއެއްގެ ގޮތުގައި ކަންވެސް އިރާނުން ވަނީ ކަށަވަރުކޮށްދީފައި އެވެ. ނަމަވެސް އެފަދަ މިސައިލެއް އިރާނުގެ ވައިގެ ތެރެއަށް ވަތް ގޮތެއް އަދި މިހާތަނަށް އިރާނުން ހާމަކޮށްފައި ނުވެއެވެ.
އިރާނަކީ މިފަދަ މިސައިލްތަކުން ސަލާމަތްވުމުގެ ގާބިލުކަށް ހުރި ގައުމެކެވެ.