
ނަސޭހަތު ބޯޑު ބެހެއްޓުމުގެ މަޝްރޫޢު މާލެ އަތޮޅުގެ ރަށްރަށުގައި ފަށައިފިއެވެ.
މިއީ ރާއްޖޭގެ ހުރިހާ ރަށެއްގަ ނަސޭޙަތުގެ ބޯޑުތައް ހަރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ.
ދިވެހީންގެ ދީނީ ހޭލުންތެރިކަން އިތުރުކޮށް ރިވެތި އާދަތަކާއި ގުޅޭ ނަސޭޙަތުގެ ބޯޑުތައް ބެހެއްޓުމުގެ ޤައުމީ މަޝްރޫޢެއް ފެއްޓެވުމަށް ނިންމަވައި، އެމަޝްރޫޢު ރާއްޖެ އިސްލާމްވީތާ 900 އަހަރު ފުރޭ މުނާސަބާއާއި ދިމާކޮށް ހުރިހާ ރަށެއްގައި ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ މީގެކުރިން ވެސް ވަނީ ވިދާޅުވެފައެވެ.
އިސްލާމީ ކަންތައްތަކާ އަޢުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި މިމަޝްރޫޢު ދަށުން އެންމެ ފުރަތަމަ މާލެ އަތޮޅުގެ ރަށްތަކުގެ މަގުތަކުގައި ބޯޑު ހަރުކުރަން ފަށާފައިވާކަމަށާއި މާލެ އަތޮޅުގެ ހުރިހާ ރަށަކަށް ބޯޑުތައް ފޮނުވާފައިވާކަމަށެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އެހެން އަތޮޅުތަކަށްވެސް ނަސޭޙަތުގެ ބޯޑުތައް ފޮނުވުމަށް ހަމަޖެހިފައިވާކަމަށް ވަނީ ބުނެފައެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ އާންމު ހުރިހާ ސަރަޙައްދެއްގައާއި މައި ހުރިހާ މަގެއްގައި މިފަދަ ބޯޑުތައް ބެހެއްޓުމަށް ވަނީ ނިންމާފައެވެ. އެ ބޯޑުތަކުގެ ތެރޭގައި ޒިކުރުތަކާއި ނަސޭޙަތުގެ ބަސްކޮޅުތައް ހިމެނޭ ބޯޑުތައް ބެހެއްޓުމަށްވަނީ ނިންމާފައެވެ.
މިމަޝްރޫޢު ހިންގުމުގެ މައިގަނޑު ބޭނުމަކީ މިފަދަ ބޯޑުތަކާއެކު ހެޔޮކަންކަމުގެ ހަނދާން އައުކޮށްދީ ހެޔޮކަންކަން ކުރުމަށް ހިތްވަރުދީ ބާރުއެޅުމެވެ.
މިމަޝްރޫޢަކީ ސަރުކާރުގެ ބަޖެޓުންނާއި އާންމު ރައްޔިތުން އަދި މަދަނީ ޖަމާޢަތްތަކުގެ އެހީތެރިކަމާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުފުޅާއެކު ދިވެހީންގެ ހިތުގައި ދީނީ ލޯބި އަށަގެންނެވުމަށް މަސައްކަތް އެކި ގޮތްގޮތުން ކުރަމުންދާއިރު އެމަނިކުފާނު މާލެ ސިޓީގެ މޭޔަރަކަށް ހުންނެވިއިރު މާލޭގެ އެކި ސަރަޙައްދުތަކުގައިވެސް މިފަދަ ޒިކުރުތަކާއި ނަސޭޙަތްތައް ހިމެނޭ ބޯޑުތައް ބަހައްޓާފައިވާކަން ފާހަގަކޮށްލެވެއެވެ.

.png?w=3840&q=75)


.jpeg?w=3840&q=75)

.png?w=3840&q=75)


.jpeg?w=3840&q=75)


