


.jpg?w=3840&q=75)

.png?w=3840&q=75)



ރާއްޖޭގައި ބޭރު ފައިސާގެ މުޢާމަލާތުކުރުމުގައި ބޭރު ފައިސާއާއި ބެހޭ ޤާނޫނާއި، އެމްއެމްއޭގެ ޤާނޫނާއި، ބޭންކިންގެ ޤާނޫނުތަކާ އެއްގޮތަށް ހުރިހާ ފަރާތަކުންވެސް ޢަމަލުކުރުމަށް ބަންޑާރަ ނައިބު އަލް އުސްތާޛު އަޙްމަދު އުޝާމް އިލްތިމާސްކުރައްވައިފިއެވެ.
ބަންޑާރަ ނައބު މިހެން އިލްތިމާސް ކުރެއްވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.
އުޝާމް ވިދާޅުވީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ފަރާތްތަކުން 40 އިންސައްތަ މާރުކުރަންޖެހޭގޮތަށް މިގެނެވުނު އިސްލާޙާއެކު ކުރިއަށް އޮތް މަހެއްހާ ދުވަހުގެ ތެރޭގައި އޭގެ ޕޮޒިޓިވް ޗޭންޖްތަކެއް ފެނިގެންދާނެކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އަދި ޤާނޫނުގައި އޮތްގޮތުން ސެޕްޓެމްބަރު 1 އިން ފެށިގެން ޢަމަލުކުރަން ފަށާފައި އޮތުމުން، އޮކްޓޯބަރު މަހުގެ 1 އިން ފެށިގެން މާރުކުރަންޖެހޭނެކަން ފާހަގަކުރެއްވިއެވެ.
މީގެއިތުރުން ޤާނޫނަށް ގެނެވުނު އަނެއް އިސްލާޙަކީ އެމްއެމްއޭއިން ކަނޑައަޅާފައިވާ ރޭޓާއި ޚިލާފަށް ޑޮލަރު ވިއްކުމާއި، ހުއްދަ ނެތި ނުވަތަ އެމްއެމްއޭގައި ރަޖިސްޓްރީ ނުކޮށް ޑޮލަރު މާރުކުރުމުގެ ވިޔަފާރިކުރަމުންދާ ފަރާތްތަކުން ކުރަމުންދަނީ ޤާނޫނާ ޚިލާފު ވިޔަފާރިއެއްކަމުން، އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅަމުންދާނެކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގައި ބޭރު ފައިސާގެ އަގު ރަސްމީ ރޭޓާއި ޚިލާފަށް ބޮޑުކޮށް ކަޅު ބާޒާރުގައި ވިއްކަމުންދާއިރު، އެކަން ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ ހުރިހާ އިދާރާއެއް ގުޅިގެން އަންނަނީ މަސައްކަތްކުރަމުންނެވެ.
ބޭރު ފައިސާގެ ޤާނޫނަށް ގެނައި އިސްލާޙަށް ޢަމަލުކުރަން ފަށާފައިވަނީ މިމަހުގެ 1 ވަނަ ދުވަހުގައެވެ. ބޭރުފައިސާއާ ބެހޭ ޤާނޫނަށް ގެނެވުނު އިސްލާހުގެ ދަށުން ބޭރުފައިސާއާ ބެހޭ އާންމު ޤާވާއިދަށް ގެނެވުނު އިސްލާހުގައި، ބޭރުފައިސާގެ ޤާނޫނުގެ ދަށުން މިހާރު ފަތުރުވެރިކަމުގެ ދައިރާގައި ހަރަކާތްތެރިވާ ރިސޯޓުތަކުން މަހެއްގެ މައްޗަށް ލިބޭ އާމްދަނީގެ 40 އިންސައްތަ ރާއްޖޭގައި ޤާއިމުކޮށްފައިވާ ބޭންކަކަށް މާރުކުރަން ޖެހޭގޮތަށްވަނީ ބަދަލުކޮށްފައެވެ.



.jpg?w=3840&q=75)
