ކުލަބު ގެލަކްޓިކޯސް ކަޓުވާލުމަށްފަހު ސެމީގެ ފަހު ޖާގަ ގޯޓް އެފްސީ އަށް
ހަސަން ޝަމްއޫން
5/2/2024, 2:54:38 PM
ގޯޓް އެސްސީ އާއި ގެލަކްޓިކޯސް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ސަޖާތު އަހުމަދު
އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2024 ގެ ކުއާޓާ ފައިނަލުގެ ހަތަރުވަނަ މެޗުގައި 3-0 ގެ ނަތީޖާއަކުން ކުލަބު ގެލަކްޓިކޯސް ބަލިކޮށް ސެމީގެ ފަހު ޖާގަ ގޯޓް އެފްސީ އިން ކަށަވަރުކޮށްފިއެވެ.
ކުލަބު ގެލަކްޓިކޯސް މުބާރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދީ ގުރޫޕް ސްޓޭގުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެމެޗުން މޮޅުވެ، އަނެއް ދެމެޗު އެއްވަރުކޮށް ގުރޫޕް ޑީގެ އެއްވަނަ ޓީމުގެ ގޮތުގައެވެ. އަދި ގޯޓް އެފްސީ ކުއާޓާގެ ފުރުސަތު ހޯދީ ގުރޫޕް ސީގެ ދެވަނަ ޓީމުގެ ގޮތުގައެވެ. އެޓީމު ގުރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެމެޗުން މޮޅުވިއިރު، އެއްމެޗުން ބަލިވެ އަނެއް މެޗު ވަނީ އެއްވަރުވެފައެވެ.
ގޯޓް އެސްސީ އާއި ގެލަކްޓިކޯސް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ސަޖާތު އަހުމަދު
މެޗުގެ ފުރަތަމަ ހާފު 2-0 ގެ ނަތީޖާއަކުން ގޯޓް އެފްސީ ކުރީގައި އޮވެގެން ނިމުނުއިރު، ދެވަނަ ހާފުގައި އެޓީމުން ވަނީ އިތުރު އެއްލަނޑު ކާމިޔާބުކޮށްފަ އެވެ. އެގޮތުން އެޓީމުގެ ފުރަތަމަ ލަނޑު މެޗުގެ 12 ވަނަ މިނެޓުގައި އަހުމަދު އައިހަމް ކާމިޔާބުކޮށްދިން އިރު، ދެވަނަ ލަނޑު ފުރަތަމަ ހާފުގެ 18 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަހުމަދު މާއިޝް ރަޝީދު އެވެ.
ގޯޓް އެސްސީ އާއި ގެލަކްޓިކޯސް ވާދަކުރި މެޗުގެ ތެރެއިން... ފޮޓޯ: ގާފު ސްޕޯޓްސް / ސަޖާތު އަހުމަދު
މިމެޗުގައި ގޯޓް އެފްސީ އިން ކާމިޔާބުކުރި ތިންވަނަ ލަނޑު ދެވަނަ ހާފުގެ 37 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު ޒީދާން ޒުހުރީ އެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ގޯޓް އެފްސީގެ އަހުމަދު އައިހަމް އެވެ.
ޓީއެންޓީ ގެ ފަރާތުން އިންތިޒާމުކޮށްގެން އެޕްރީލް މަހުގެ 25 އިން މެއި މަހުގެ 4 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިއަށް ގެންދާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ 23 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.
ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 7،500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ މުބާރާތް ކުރިއަށް ދަނީ ބައިވެރިވި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ކުއާޓާ ފައިނަލަށް ހޮވިފައިވާއިރު، ކުއާޓާ ފައިނަލުން ފެށިގެން މުބާރާތުގައި ބާކީ ހުރި މެޗެއް ކުޅުމަށް ހަމަޖެހިފައިވަނީ ލެގޫންސް ފުޓްސަލް ދަނޑުގައެވެ.
މީގެ އިތުރުން މިމުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޓީއެންޓީ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިއަހަރުގެ މުބާރާތުގެ މެއިން ސްޕޮންސަރ ގެ ގޮތުގައި އިލާލާ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.