








އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި މަނީ ލޯންޑްރިންގެ ކުށް ސާބިތުވި، ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބު ދައުލަތަށް ދައްކަންޖެހޭ އެއް މިލިއަން ރުފިޔާ ދައްކަވައިފިއެވެ.
އެ ފައިސާއަކީ އެމްއެމްޕީއާރްސީގެ ޚިޔާނާތާއި މަނީ ލޯންޑްރިންގެ މައްސަލަތަކުގައި 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހު އަދީބުގެ މައްޗަށް އިއްވި 5 އަހަރާއި 11 މަހާއި 21 ދުވަހުގެ ޖަލު ހުކުމާއެކު އަދަބެއްގެ ގޮތުގައި ކަނޑައެޅުނު ޖޫރިމަނާއެކެވެ.
އެ ފައިސާ ނުދައްކައިގެން ދައުލަތުގެ ފަރާތުން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ ނިންމާލީ އޮގަސްޓް 24 ވަނަ ދުވަހުއެވެ. އެއީ އަދީބު އެ ފައިސާ މުޅިން ދައްކަވައި ޚަލާޞްކުރައްވާފައިވާކަން ދައުލަތުން ކޯޓަށް އެންގުމާ ގުޅިގެންނެވެ.
އެގޮތުން އެ މައްސަލަ ނިންމި ގޮތުގެ ރިޕޯޓުން އެނގޭ ގޮތުގައި، އަދީބު ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު 100،000 ރުފިޔާ އަދި މިދިޔަ ހަފްތާގެ ތެރޭގައި ބާކީ އޮތް 900،000 ރުފިޔާ ދައްކަވާފައެވެ.
އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަތަކުގައި އަދީބަށް ބޮޑެތި ޖަލު ހުކުމްތަކެއް ކުރެވުނު ނަމަވެސް، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ ވެރިކަން ނިމެން ގާތްވެފައި ވަނިކޮށް އެ ހުކުމްތައް މާފުކޮށްދެއްވުމުން އަދީބު ވަނީ މިނިވަންވެފައެވެ.