ވެލާ އެސްސީ އާއި ޔޫއެންއެފް ވާދަކުރި މެޗު އެއްވަރުވެ، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ވެލާ އެސްސީ ކުއާޓާ ފައިނަލަށް
ހަސަން ޝަމްއޫން
5/1/2024, 12:49:23 PM
ޔޫއެން ފުރެންޑްސް އާއި ވެލާ އެސްސީ ވާދަކުރި މެޗުގެ ތެރެއިން ... ފޮޓޯ: ގާފު ސްޕޯޓްސް / މާނިޝް
އިލާލާ ޓީއެންޓީ 23 އަހަރުން ދަށުގެ ފުޓްސަލް ޗެލެންޖް 2024 ގެ ގްރޫޕް ސީގައި މިރޭ ކުޅެވުނު ފުރަތަމަ މެޗުގައި ވެލާ އެސްސީ އާއި ޔޫއެން ފްރެންޑްސް ވާދަކުރި މެޗު 3-3 ނަތީޖާއަކުން އެއްވަރުވެ، ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ވެލާ އެސްސީ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.
މުބާރާތުގައި ވެލާ އެސްސީ ގެ ފުރަތަމަ މެޗުގައި ދަނބިދޫއާއި ވާދަކޮށް 1-1 ގެ ނަތީޖާއަކުން އެއްވަރުވިއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ 3-1 ގެ ނަތީޖާއަކުން ގޯޓް އެފްސީ ބަލިކޮށްފައެވެ. އަދި އެޓީމުގެ ތިންވަނަ މެޗުގައި އެމްޕޯރިއަމް އެފްސީ އަތުން ވެލާ އެސްސީ މޮޅުވީ 2-1 ގެ ނަތީޖާއަކުންނެވެ.
މުބާރާތުގައި ޔޫއެން ފްރެންޑްސް ކުޅުނު ފުރަތަމަ މެޗުގައި 1-0 ގެ ނަތީޖާއަކުން ގޯޓް އެސްސީ އަތުން ބަލިވިއިރު، އެމްޕޯރިއަމް އާއި ދެކޮޅަށް އެޓީމުން ކުޅުނު ދެވަނަ މެޗު، ނިމުނީ 1-1 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެގެންނެވެ. ނަމަވެސް އެޓީމުގެ ތިންވަނަ މެޗުގައި ޔޫއެން ފްރެންޑްސް އިން ވަނީ 3-1 ގެ ނަތީޖާއަކުން ދަނބިދޫ އަތުން މޮޅުވެފައެވެ.
ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ޔޫއެން ފްރެންޑްސް އިންނެވެ. މިލަނޑު މެޗު ފެށިގެން ތިންވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު އާހިލް ނަޒީރު އެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ވެލާ އެސްސީގެ އަހުސަން ރަޝާދު ވަނީ ލަނޑެއް ކާމިޔާބުކޮށް އެޓީމަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފައެވެ.
މިމެޗުގައި ޔޫއެން ފްރެންޑްސް އިން ދެވަނަ ފަހަރަށް ލީޑު ހޯދި ލަނޑު ފުރަތަމަ ހާފުގެ 19 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު އަފްލާޒް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެން ދިޔައީ 2-1 ގެ ނަތީޖާއަކުން ޔޫއެން ފުރެންޑްސް ކުރީގައި އޮވެގެންނެވެ.
މެެޗުގެ ދެވަނަ ހާފު ވެސް ވަރުގަދަކޮށް ފެށީ ޔޫއެން ފްރެންޑްސް އިންނެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ޔޫއެން ފްރެންޑްސް އިން ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމުގެ ލީޑު ފުޅާކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު ނާބިރުހް ހުސެއިން އެވެ.
ޔޫއެން ފްރެންޑްސް އިން ދެލަނޑުގެ ލީޑެއް ހޯދުމާއެކު ވެލާ އެސްސީ ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ 31 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހައްމަދު މިންވާލް އެވެ. އަދި ޖެހިގެން އައި މިނެޓުގައި އެޓީމުގެ ކެޕްޓަން އަހުމަދު ހުޝާމް ވަނީ އިތުރު ލަނޑެއް އެޓީމަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.
މިލަނޑާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-3 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ. އަދި މިމެޗުގެ މޭން އޮފް ދަ މެޗަކަށް ހޮވުނީ ވެލާ އެސްސީގެ ކެޕްޓަން އަހުމަދު ހުޝާމް އެވެ.
މިނަތީޖައެކު ކުޅުނު ހަތަރު މެޗުން 8 ޕޮއިންޓް ހަމަކޮށް ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ވެލާ އެސްސީ މުބަރާތުގެ ކުއާޓާ ފައިނަލުން ޖާގަ ހޯދިއިރު، މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު މުބާރާތުގައި ކުޅުނު ހަތަރު މެޗުން ލިބުނު ފަސް ޕޮއިންޓާއެކު ޔޫއެން ފްރެންޑްސް މުބާރާތް ނިންމާލީ ގުރޫޕްގެ ތިންވަނައިގައި އޮވެއެވެ.
ޓީއެންޓީ ގެ ފަރާތުން އިންތިޒާމުކޮށްގެން އެޕްރީލް 25 އިން މެއި މަހުގެ 4 ގެ ނިޔަލަށް މާލޭ ސިޓީގައި ކުރިއަށް ގެންދާ މި މުބާރާތަކީ މުޅި ރާއްޖެއަށް ހުޅުވާލެވިގެން ބޭއްވޭ 23 އަހަރުން ދަށުގެ އެންމެ ބޮޑު ފުޓްސަލް މުބާރާތެވެ.
ޗެންޕިއަން ޓީމަށް 20،000 އަދި ރަނަރަޕް ޓީމަށް 7،500 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާ މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރި 20 ޓީމު ހަތަރު ގުރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގުރޫޕަކުން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމު ކުއާޓާ ފައިނަލަށް ހޮވޭ ގޮތަށެވެ. އަދި މުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައިވަނީ ޕީކޭ ފުޓްސަލް ދަނޑުގައެވެ. އަދި މީގެ އިތުރުން މިމުބާރާތުގެ ކުއާޓާ ފައިނަލުން ފެށިގެން ހުރިހާ މެޗެއް ޓީއެންޓީ ފޭސްބުކް ޕޭޖް އަދި ޔޫޓިއުބް ޗެނަލް މެދުވެރިކޮށް ވަގުތުން ދެއްކުމަށް ވަނީ ހަމަޖެހިފައެވެ.
މިމުބާރާތުގެ މެއިން ސްޕޮންސަރ ގެ ގޮތުގައި އިލާލާ ހަމަޖައްސާފައިވާއިރު، މުބާރާތުގެ މީޑިއާ ޕާޓްނަރަކީ ގާފު ސްޕޯޓްސް އެވެ.