ސިޓީ އާއި ލިވަޕޫލް އެއްވަރުވެ، ލީގު ތާވަލްގެ އެއްވަނަ އާސެނަލް އަށް
ހަސަން ޝަމްއޫން
3/11/2024, 12:37:06 AM
އެލެކްސިސް މާކް އެލިސްޓާ މެންޗެސްޓާ ސިޓީ ކޮޅަށް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
އިގިރޭސި ޕްރެމިއާ ލީގުގައި އާދިއްތަ ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ޗެންޕިއަން މެންޗެސްޓާ ސިޓީ އާއި ދެކޮޅަށް ލިވަޕޫލުން ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެއްޖެ އެވެ. ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަަމަ ލަނޑުޖަހައި ކުރިހޯދީ މެންޗެސްޓާ ސިޓީންނެވެ. މިލަނޑު ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ އިގިރޭސި ޑިފެންޑަރު ޖޯން ސްޓޯންސް އެވެ. މިއީ އެޓީމަށް ލިބުނު ކޯނަރެއްގައި މިޑްފިލްޑަރު ކެވިން ޑިބްރޭނާ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅައެއް މުޅިން ހުސްކޮށް ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް ފުރަތަަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 1-0 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ލިވަޕޫލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގެ ފެށިގެން ފަސްވަނަ މިނެޓްގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިޑްފީލްޑަރު އެލެކްސިސް މާކް އެލިސްޓާ އެވެ. މިއީ ސިޓީގެ ޕެނަލްޓީ އޭރިއާ ތެެރެއިން އެޓީމުގެ ކީޕަރު އެޑަސަން ލިވިޕޫލުގެ ފޯވާޑް ޑާވިން ނުނޭޒަށް ކުރި ފައުލަކާއި ގުޅިގެން ރެފްރީ އެޓީމަށް ދިން ޕެނަލްޓީއެއްގައި އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މީގެ އިތުރުން ވެސް މިހާފުގައި މެޗުގެ ލީޑު ނެގުމަށް ލިވަޕޫލުގެ ކޮލަންބިއާ ފޯވާޑް ލުއިސް ޑިއާޒަށް ވަނީ ވަރަށް ހުސް ދެ ފުރުސަތެއް ލިބި ބޭނުން ނުކުރެވިފައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 1-1 ގެ ނަތީޖާއަކުން ދެޓީމް އެއްވަރުވެފައި އޮވެގެންނެވެ.
މިނަތީޖާއާއެކު ލީގުގައި ކުޅުނު 28 މެޗުން ލިވަޕޫލަށް 64 ޕޮއިންޓް ލިބިފައިވާއިރު ލަނޑުގެ ތަފާތުން އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ދެވަނައިގައެވެ. އަދި މިމެޗުން ލިބުނު އެއް ޕޮއިންޓާއެކު ލީގުގައި ކުޅުނު 28 މެޗުން މެންޗެސްޓާ ސިޓީއަށް 63 ޕޮއިންޓް ލިބިފައިވާއިރު އެޓީމު މިވަގުތު އޮތީ ލީގު ތާވަލްގެ ތިންވަނައިގައެވެ.