








ހާލަންޑް އަދި ޗާކީ ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ...
އިގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ކްރިސްޓަލް ޕެލަސް އާއި ވާދަކޮށް ފަސޭހަކަމާއެކު 4-1 ގެ ނަތީޖާއަކުން މޮޅުވެ މެންޗެސްޓާ ސިޓީ އިން ތާވަލުގެ އެއްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ލީގުގައި މެންޗެސްޓާ ސިޓީ ކުޅުނު ފުރަތަމަ މެޗުގައި ބޯންމައުތު އަތުން ވާދަވެރި ކުޅުމަކަށްފަހު 2-1 ގެ ނަތީޖާއަކުން މޮޅުވެފައިވާއިރު، ކްރިސްޓަލް ޕެލަސް އިން ލީގުގައި ކުޅުނު ފުރަތަމަ މެޗުގައި އެވަޓަން އަތުން އެޓީމު ވަނީ 2-0 ގެ ނަތީޖާއަކުން ބަލިވެފައެވެ.
މުޅި މެޗުގައި ވެސް މޮޅަށް ކުޅެ މެންޗެސްޓާ ސިޓީ އިން މެޗު ޑޮމިނޭޓްކުރިއިރު އެޓީމުން ލީޑު ހޯދީ ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައެވެ. މިލަނޑު ފޯވާޑް އެރްލިންގް ހާލަންޑް ކާމިޔާބުކުރިއިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ސިޓި އެޓޭކުތައް އިތުރަށް ވަރުގަދަކުރިއިރު، މެޗުގެ 54 ވަނަ މިނެޓުގައި އެޓީމުގެ ލީޑް ފުޅާކޮށްދިނީ މިޑްފިލްޑަރު ރަޔާން ޗާކީ އެވެ. ނަމަވެސް އޭގެ ދެމިނެޓު ފަހުން ސިޓީގެ ކީޕަރު ޑޮނަރޫމާ އަތުން ބައިކޮޅަށް ވަން ލަނޑާއެކު ޕެލްސް އިން ވަނީ ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ.
ނަމަވެސް އޭގެ ތިން މިނެޓު ފަހުން ޗާކީ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ސީޓީއަށް އަލުން ދެލަނޑުގެ ލީޑެއް ހޯދައިދީފައެވެ. އަދި ސިޓީގެ ހަތަރުވަނަ ލަނޑު ދެވަނަ ހާފުގެ 84 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހާލަންޑް އެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ދެ މެޗުން ވެސް މޮޅުވެ ހަ ޕޮއިންޓާއެކު ތާވަލުގެ އެއްވަނައިގައި މެންޗެސްޓާ ސިޓީ މިވަގުތު އޮތްއިރު، މިމެޗުން ބަލިވި ކްރިސްޓަލް ޕެލަސް އިން ލީގުގައި ކުޅުނު ދެމެޗުން ވެސް ބަލިވެ ޕޮއިންޓެއް ނުލިބި މިވަގުތު އޮތީ ތާވަލުގެ ފުލުގައެވެ.




