


.jpg?w=3840&q=75)





-
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމަކަށް ރާއްޖޭގައި ކުރިއަށްގެންދާ "އިޙްތިރާމް އަދާކުރުމުގެ ޤައުމީ މަޝްރޫޢު" ގައި ބައިވެރިވާ މީޑިއާތަކާއެކު އެއްބަސްވުމުގައި ރަސްމީކޮށް މިއަދު ސޮއިކޮށްފިއެވެ.
ޒަމާނުއްސުރެ ދިވެހީންގެ ތެރޭގައި އޮތް ރިވެތި އަޚްލާޤާއި ސިފަތައް އަލުން އިޔާދަކުރެއްވުމުގެ މަޤްޞަދުގައި، "އިޙުތިރާމުގެ އުފާ – މުޖުތަމަޢުގެ ނަފާ" މި ޝިޢާރުގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢަކީ ކުރިއަށް އޮތް 5 އަހަރު ދުވަހުގެ މުއްދަތަށް މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގުމަށް ހަމަޖެހިފައިވާ ޤައުމީ ބޮޑު ކެމްޕޭނެކެވެ.
ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ގުޅިގެން އިސްކޮށް ހަރަކާތްތެރިވާ މި މަޝްރޫޢު އިޝްތިހާރުކޮށް، އާންމުން ހޭލުންތެރިކުރުމަށްޓަކައި މިއަދު ވަނީ 16 މީޑިއާއަކާއެކު މަސައްކަތްކުރުމަށް ސޮއިކޮށްފައެވެ. މި މީޑިއާތަކުގެ ތެރޭގައި "ގާފު އޮންލައިން" ހިމެނޭއިރު، ގާފުގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ނޫހުގެ ޗީފް އޮޕަރޭޓިންގ އޮފިސަރ (ސީއޯއޯ) އަޙްމަދު ޝުރާއު ޙަސަނެވެ. އަދި ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ހީނާ ވަލީދެވެ.
މި އެއްބަސްވުމުގެ ދަށުން، ސޮއިކުރި މީޑިއާތަކުން މި ޤައުމީ މަޝްރޫޢުގެ މައުލޫމާތުތަކާއި ކެމްޕޭނުގެ ޝިޢާރުތައް އާންމުންނާ ހަމައަށް ފޯރުކޮށްދިނުމާއި، އިޝްތިހާރުކުރުމުގެ މަސައްކަތްތައް ފުޅާ ދާއިރާއެއްގައި ކުރިއަށްގެންދާނެއެވެ.
މި މަޝްރޫޢު ހިންގުމުގެ ކަންކަން އެންމެ ފުރިހަމަ ގޮތުގައި ވިލަރެސްކުރުމަށްޓަކައި، ކަމާގުޅޭ ދާއިރާތަކުގެ ތަޖުރިބާކާރުން ހިމެނޭހެން 9 މެންބަރުންގެ ޚާއްޞަ ކޮމިޓީއެއް އުފެއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އަދި މި ކޮމިޓީގައި ކަމާގުޅޭ ވުޒާރާތަކުގެ އިތުރުން ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) ވެސް ހިމެނިގެންދާނެއެވެ.



.jpg?w=3840&q=75)



