ލޫއީ ކޫމަސް އަދި ޖޭޑެން ޑޭންސް ގެ ލަނޑުތަކާއެކު ލިވިޕޫލު ކުއާޓާ ފައިނަލަށް
ހަސަން ޝަމްއޫން
2/29/2024, 4:00:00 AM
ޖޭޑެން ޑޭންސް ލަނޑުޖެހުމަށް ފަހު އުފާފާޅުކުރަނީ
އިގިރޭސި އެފްއޭކަޕްގެ ރައުންޑް އޮފް 16 ގައި ބުދަދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ސައުތެމްޓަން އާއި ދެކޮޅަށް ކުޅުނު މެޗު ފަސޭހަކަމާއި އެކު 3-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ލިވަޕޫލުން މުބާރާތްގެ ކުއާޓާ ފައިނަލުން ޖާގަ ހޯދައިފި އެވެ.
އަނިޔާގެ ސަބަބުން މުހިންމު ގިނަ ކުޅުންތެރިންތަކަކާއި ނުލައި ކުޅުނު ލިވަޕޫލުން މިމެޗުގެ ފުރަތަަމަ އެގާރައިގައި 21 އަހަރުން ދަށުގެ 6 ކުޅުންތެރިން ހިމަނާފައި ވެއެވެ.
މެޗު ފެށިގެން ފުރަތަމަ މިނެޓުގައި ސައުތުހެމްޓަން އިން ލަނޑެއް ކާމިޔާބު ކުރި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު ރެފްރީ ނިންމީ އެއީ އޮފްސައިޑް ލަނޑެއް ކަމަށެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން އެޓީމުގެ ގާނާ ފޯވާޑް ސުލެމާނާ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. އަދި ޖެހިގެން އައި މިނެޓުގައި އެޓީމުގެ ފުރާންސް ފޯވާޑް ސެކޫ މާރާ ފޮނުވާލި ބާރު ހަމަލާ ލިވަޕޫލްގެ ކީޕަރު ވަނީ ހުޝިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
މެޗުގެ ފުރަތަަމަ 10 މިނެޓަށްފަހު ލިވަޕޫލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން ފުރަތަަމަ ހާފުގެ 44 ވަނަ މިނެޓުގައި އެޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އުމުރުން 18 އަހަރުގެ މިޑްފީލްޑަރު ލޫއީ ކޫމަސް އެވެ. މިއީ އެޓީމުގެ ޒުވާން މިޑްފިލްޑަރު ބޮބީ ކްލާކް ތަނަވަސްކޮށްދިން ފުރުސަތެއްގައި ސައުތުހެމްޓަންގެ ޕެނަލްޓީ އޭރިއާ ބޭރުގައި ހުރެ ތިރިތިރިން ފޮނުވާލި ބާރު ހަމަލާއެއް ގޯލުގެ ކަނަށް އަމާޒުކޮށްލައިގެން އޭނާ ކާމިޔާބުކޮށްދިން ލަނޑެކެވެ.
މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަަނަ ހާފުގައި ލިވަޕޫލުން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން މިހާފުގައި އެޓީމުން ވަނީ އިތުރު ދެ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި މި ދެ ލަނޑު ވެސް އެޓީމަށް ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނުކުތް އުމުރުން 18 އަހަރުގެ ފޯވާޑް ޖޭޑެން ޑޭންސް އެވެ.
އެގޮތުން އެޓީމުގެ ދެވަނަ ލަނޑު ފަހުހާފުގެ 73 ވަނަ މިނެޓުގައި ކާމިޔާބުކުރި އިރު، ތިން ލަނޑު ކާމިޔާބުކުރީ މެޗުގެ 88 ވަނަ މިނެޓުގައެވެ. މިއާއެކު މެޗުގެ ކުޅުން ނިމިގެންދިޔައީ 3-0 ގެ ނަތީޖާއަކުން ލިވަޕޫލް ކުރީގައި އޮވެގެންނެވެ.
މުބާރާތުގެ ކުއާޓާ ފައިނަލުގައި މާރިޗު މަހުގެ 16 ވަނަ ދުވަހު ރަށުން ބޭރުގައި ލިވަޕޫލުން ނުކުންނާނީ މެންޗެސްޓާ ޔުނައިޓެޑާއި ދެކޮޅަށެވެ.