
ހަލް ސިޓީގެ މެންޑީ ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށްފަހު އުފާފާޅުކުރަނީ.. ފޮޓޯ: ހަލް ސިޓީ
އިނގިރޭސި ޕްރެމިއާ ލީގުގައި މިއަދު ހަވީރު، އަމިއްލަ ދަނޑުގައި މެންޗެސްޓާ ޔުނައިޓެޑާއި ވާދަކޮށް 2-0 ގެ ނަތީޖާއަކުން މޮޅުވެ ހަލް ސިޓީ އިން މޮޅަކާއެކު ލީގުގެ ކުޅުން ފަށައިފިއެވެ.
ނުވަ އަހަރަށް ފަހު ހަލް ސިޓީ، ޕްރެމިއާ ލީގުން އަލުން ޖާގަ ހޯދިއިރު، މިދެޓީމު ޕްރެމިއާ ލީގުގައި އެންމެ ފަހުން ވާދަކޮށްފައިވަނީ 2017 ވަނަ އަހަރު އެވެ. އަދި އެމެޗު ނިމިފައިވަނީ 0-0 ގެ ނަތީޖާއަކުން ދެޓީމު އެއްވަރުވެފައި އޮވެގެންނެވެ.
ހަލް ސިޓީގެ އެމްކޭއެމް ސްޓޭޑިއަމްގައި ކުޅުނު މިމެޗުގެ ފުރަތަަމަ ހާފުގައި ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅެ މެންޗެސްޓާ ޔުނައިޓެޑުން މެޗު ޑޮމިނޭޓްކުރި ނަމަވެސް މެޗުގެ 17 ވަނަ މިނެޓުގައި ހަލް ސިޓީ އިން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ލީޑު ހޯދާފައެވެ.
މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރު ސެމީ އަޖައީ އެވެ. އަދި އެޓީމުން ލީޑު ފުޅާކުރި ލަނޑު މެޗުގެ 38 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ޑިފެންޑަރު ނޮބެލް މެންޑީ އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-0 ގެ ނަތީޖާއަކުން ހަލް ސިޓީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުނައިޓެޑުން ބަދަލުތަކެއް ގެނެސް ކުޅުން ރަނގަޅުކުރިއިރު، މިހާފުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 2-0 ގެ ނަތީޖާއަކުން ހަލް ސިޓީ ކުރީގައި އޮވެގެންނެވެ.




.jpg?w=3840&q=75)




.jpg?w=3840&q=75)





