





.jpg?w=3840&q=75)


ބްރައިޓަން ކޮޅަށް ލަނޑުޖެހުމަށްފަހު ޔުނައިޓެޑްގެ ކުޅުންތެރިން އުފާފާޅުކުރަނީ..
އިނގިރޭސި ލީގުކަޕްގެ ރައުންޑް އޮފް 32 ގައި ރޭ އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން 3-2 ގެ ނަތީޖާއަކުން ބަލިވެ މެންޗެސްޓާ ޔުނައިޓެޑް މުބާރާތުން ކަޓައިފިއެވެ.
މެންޗެސްޓާ ޔުނައިޓެޑްގެ އޯލްޑް ޓްރަފޯޑްގައި ކުޅުނު މިމެޗުގެ ފުރަތަމަ 10 މިނެޓު ތެރޭގައި ޔުނައިޓެޑުން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދާފައެވެ. އެގޮތުން ޔުނައިޓެޑްގެ ފުރަތަމަ ލަނޑު މެޗުގެ އަށްވަނަ މިނެޓުގައި ޒުވާން ފޯވާޑް ޝޭ ލޭސީ ކާމިޔާބުކުރިއިރު، އޭގެ ދެމިނެޓް ފަހުން އެޓީމުގެ ލީޑު ފުޅާކޮށްދިނީ މެއިސަން މައުންޓް އެވެ.
ބްރައިޓަން އިން ނަތީޖާގެ ފަރަގު ކުޑަކުރި ލަނޑު ފުރަތަމަ ހާފުގެ އިތުރުވަގުތުގެ ތެރޭގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން ފޯވާޑް ޗަރަލަމްޕޯސް ކޮސްޓޫލަސް އެވެ. އަދި މިލަނޑާއެކު ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފު ބްރައިޓަން އިން ވަރުގަދަކޮށް ފެށިއިރު މެޗުގެ 65 ވަނަ މިނެޓުގައި އެޓީމަށް ނަތީޖާ އެއްވަރުކޮށްދިނީ މިޑް ފިލްޑަރު ފަސްކަލް ގްރޮސް އެވެ. އަދި އޭގެ ހަތަރު މިނެޓް ފަހުން އެޓީމުގެ ޑިފެންޑަރު މެކްސިމް ޑި ކުއައިޕަރ ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އެޓީމަށް ލީޑު ހޯދައިދީފައެވެ.
މީގެ އިތުރުން ވެސް މިމެޗުގައި ދެޓީމުން ވެސް ވަނީ ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ. ނަމަވެސް މެޗުގެ ކުޅުން ނިމިގެންދިޔައީ ދެޓީމުންކުރެ އެއްވެސް ޓީމަކަށް އިތުރު ލަނޑެއް ކާމިޔާބު ނުކުރެވި 3-2 ގެ ނަތީޖާއަކުން ބްރައިޓަން ކުރީގައި އޮވެގެންނެވެ.
މިނަތީޖާއެކު މުބާރާތުގެ ރައުންޑް އޮފް 16 ގައި ބްރައިޓަން ވާދަކުރަން ޖެހޭނީ މިރޭ މެންޗެސްޓާ ސިޓީ އާއި ނޮވިޗް ވާދަކުރާ މެޗުން މޮޅުވާ ޓީމަކާއި ދެކޮޅަށެވެ.




