








މެތިއަސް ކުންޔާ..
އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ފުލަމް އާއި ދެކޮޅަށް މެންޗެސްޓާ ޔުނައިޓެޑުން ކުޅުނު މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރުވެއްޖެއެވެ.
ލީގުގައި މެންޗެސްޓާ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު މެޗުގައި ވާދަވެރި މެންޗެސްޓާ ސިޓީ އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައިވާއިރު، ލީގުގައި ފުލަމް އެންމެ ފަހުން ކުޅުނު މެޗުގައި ލިވަޕޫލް އާއި ވާދަކޮށް 0-0 ގެ ނަތީޖާއަކުން ދެޓީމު ވަނީ އެއްވަރުވެފައެވެ.
ލަންޑަނުގެ ކްރޭވެން ކޮޓޭޖްގައި ކުޅުނު މިމެޗުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، މިމެޗުގައި ފުރަތަމަ ލަނޑުޖަހައި ކުރިހޯދީ ފްލަމް އިންނެވެ. މިލަނޑަކީ ދެވަނަ ހާފުގެ 63 ވަނަ މިނެޓުގައި ޔުނައިޓެޑްގެ އާޖެންޓީނާ ޑިފެންޑަރު ލިއަންޑްރޯ މާޓިނޭޒް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
ޔުނައިޓެޑުން ނަތީޖާ އެއްވަރުކުރި ލަނޑު ދެވަނަ ހާފުގެ 89 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެޓީމުގެ ބްރެޒިލް ފޯވާޑް މެތިއަސް ކުންޔާ އެވެ. އަދި މިމެޗުގައި ޔުނައިޓެޑުން ފުލަމްގެ ގޯލަށް 29 ހަމަލާ ފޮނުވާލިއިރު، އޭގެ ތެރެއިން އެޓީމަށް ފުލަމްގެ ގޯލާއި އަމާޒުކޮއްލެވުނީ އެންމެ ހަ ހަމަލާއެވެ.
މިނަތީޖާއެކު ލީގުގައި ކުޅުނު ފަސް މެޗުން މެންޗެސްޓާ ޔުނައިޓެޑަށް ފަސް ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 14 ވަނައިގައެވެ. އަދި މިމެޗުން ހޯދި އެއްޕޮއިންޓާއެކު ލީގުގައި ކުޅުނު ފަސް މެޗުން ފުލަމްއަށް ދެ ޕޮއިންޓް ލިބިފައިވާއިރު، އެޓީމު މިވަގުތު އޮތީ ތާވަލުގެ 19 ވަނައިގައެވެ.




