
Mayor-Muizzu-1 copy
މާލޭގެ މިސްކިތްތަކުގެ މަރާމާތަށް ސަރުކާރުން ސިޓީ ކައުންސިލަށް ދިން ފައިސާ ބޭނުން ކުރީ ސީދާ އެކަމަށް ކަމަށާއި ރިޕޯޓު ވެސް އިސްލާމިކް މިނިސްޓްރީ އަށް ހުށަހަޅާފައިވާނެ ކަމަށް ވިދާޅުވެ މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރަށް މިއަދު ރައްދު ދެއްވައިފި އެވެ.
މިނިސްޓަރ މިހެން ވިދާޅުވީ، ކުރިއަށް އޮތް ރޯދަމަހަށް މިސްކިތްތައް މަރާމާތުކޮށް، އާބާތުރަ ފިލުވުމަށް "ޗާލު މިސްކިތް" ނަމުގައި ކައުންސިލުން ފަންޑު ރެއިޒިންގ ހަރަކާތެއް ބޭއްވުމުން، އިސްލާމިކް މިިނިސްޓަރު ކަންބޮޑުވުން ފާޅުކޮށް ދެއްކެވި ވާހަކަފުޅާއި ގުޅިިގެންނެވެ.
މިނިސްޓަރ ޒާހިރު ވިދާޅުވީ 2020 ވަނަ އަހަރު ވެސް އެއް މިލިއަން ރުފިޔާ ސިޓީ ކައުންސިލަށް ދޫކޮށް، އެ ފައިސާ ބޭނުންކުރާ ގޮތުގެ ރިޕޯޓު ހުށަހެޅުމަށް އެންގި ނަމަވެސް އެ ރިޕޯޓް ކައުންސިލުން ނުފޮނުވާ ކަމަށެވެ. އެ ފައިސާ ކައުންސިލުގައި ހުރި ކަމަށް ފަހުން ކައުންސިލުން ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކައުންސިލުން ބުނަނީ އެ އެއްމިލިއަން ރުފިޔާ ހުރި ކަމަށް. އެ ބޭނުން ނުކުރާ ކަމަށް. އަޅުގަނޑުމެން މި އަހަނީ އެ ފައިސާ ހުރިއްޔާ ކީއްވެހޭ އިތުރު ފައިސާ ހޯދަނީ. އެ ފައިސާ ބޭނުން ކޮށްގެންތާ ރިޕޯޓު ވެސް ހުށަހެޅޭނީ،" މިނިސްޓަރު ވިދާޅުވި އެވެ.
މިދިޔަ އަހަރަށް ވެސް ދެ މިލިއަަން ރުފިޔާ އެކަމަށް ބަޖެޓުކޮށް، ސިޓީ ކައުންސިލަށް އެކަން އެންގި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަކު، ފައިސާ ދޫނުކޮށް، ހިނގާ ހަރަދުތަކުގެ ބިލްތައް ފޮނުވުމުން ފައިސާ ހަމަޖެހޭނެ ކަމަށް އެންގި ނަމަވެސް، އެ ފަހަރު ވެސް މިނިސްޓްރީއާ އެކަމާ ގުޅިގެން މުއާމަލާތެއް ނުކުރާ ކަމަށް ޑރ. ޒާހިރު މީޑިއާގައި ވިދާޅުވި އެވެ.
މިނިސްޓަރުގެ ވާހަކަތައް ދޮގުކުރައްވައި މުއިއްޒު ވިދާޅުވީ 2020-2022 ގެ ނިޔަލަށް މިސްކިތްތަކުގެ މަރާމާތަށް އިސްލާމިކް މިނިސްޓްރީން ދިނީ އެއް މިލިއަން ރުފިޔާ ކަމަށެވެ. އެ ފައިސާ އިން ހުރިހާ މިސްކިތްތަކުގެ މަސައްކަތް ނުނިންމޭނެ ކަމަށް މިނިސްޓްރީ އަށް އަންގާފައިވާނެ ކަމަށާއި މިހާރު ކޮށްފައިވާ ހަރަދު ތަކުގެ ރިޕޯޓު ވެސް ހުށަހަޅާފައި ވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
އޭގެ ބޭރުން ވެސް ސިޓީ ކައުންސިލުގެ އާމްދަނީ ބަޖެޓުން 10 މިލިއަން ރުފިޔާ މިސްކިތްތަކުގެ މަރާމާތަށް ހަރަދު ކުރަން ޖެހުނު ކަމަށް ކައުންސިލުން ބުންޏެވެ.
"މިނިސްޓަރު އެ ހައްދަވަނީ ކަނޑައެޅިގެން އިތުރުފުޅެއް. އަޅުގަނޑުމެން ވާނެ އެ ފައިސާ ބޭނުން ކޮށްފައިވާ ގޮތުގެ ރިޕޯޓެއް މިދިޔަ އަހަރު ހުށަހަޅާފައި. އެ ފައިސާ ބޭނުން ކޮށްގެން އެ ހުސްވީމާ އަޅުގަނޑުމެން އާމްދަނީ ހޯދާ ފައިސާ އިން އިތުރު 10 މިލިއަން ހަރަދުވި ވާހަކަ މި ދައްކަނީ،" ޑރ. މުއިއްޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވިގޮތުގައި، ދައުލަތުގެ މި އަހަރުގެ ބަޖެޓުގައި ކަނޑައަޅާފައިވާ ދެ މިލިއަން ޖަމާކޮށްދިނުމަށް ތަކުރާރުކޮށް ސިޓީ ކައުންސިލުން ވަނީ އިސްލާމިކް މިނިސްޓްރީގައި އެދިފަ އެވެ. އެކަމަކު، އެ މިނިސްޓްރީން އެ ފައިސާ ކައުންސިލާ ހަވާލުކޮށްފައި ނުވާކަމަށް މޭޔަރު ވިދާޅުވި އެވެ.












