
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން
ޕްލާސްޓިކް ކޮތަޅުން މިހާރު ނަގަމުންދާ ފީއަށް ބޮޑެތި ލުއިތަކެއް ދިނުމާއި، ރާއްޖެއަށް ބޭރުން ކުނި އެތެރެކުރުން އެއްކޮށް މަނާކުރުން ހިމެނޭހެން ކުނި މެނޭޖުކުރުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުަށަހެޅި އިސްލާހު ފާސްކޮށްފިއެވެ.
ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު އިބްރާހީމް ޝިފާޒް ހުށަހެޅުއްވި އެ ބިލު މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެ ބިލާ މެދު ގޮތެއް ނިންމަން ނެގި ވޯޓުގައި ބައިވެރިވެވަޑައިގަތް 55 މެންބަރުންގެ އިއްތިފާގުންނެވެ.
އެ ބިލް ދިރާސާކޮށް މުޅި މަޖިލީހުގެ ކޮމިޓީން ނިންމީ އެއްވެސް ބަަދަލެއް ނުގެނެސް އެ ބިލު އޮތް ގޮތަށް ފާސްކުރުމަށެވެ. އަދި މަޖިލީހުން މިއަދު ފާސްކުރީ އެގޮތަށް މުޅި މަޖިލީހުގެ ކޮމިޓީން އެކުލަވާލި ރިޕޯޓެވެ.
ކުނި މެނޭޖްކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައި މިހާރު އޮތީ ފީ ނެގުމުން އިސްތިސްނާވާ ތިން ބާވަތެކެވެ. އެއީ ޑިއުޓީ ފްރީ ފިހާރަތަކުން ދޭ ނުވަތަ ވިއްކާ ކޮތަޅާއި ބަންދުނުކޮށް ހުންނަ ތާޒާ މަސް އަޅަން ބޭނުންކުރާ ކޮތަޅާއި ކުނި މެނޭޖް ކުރުމުގެ ހިދުމަތްދޭ ފަރާތްތަކުން ނުވަތަ އެކަމާ ބެހޭ އެހެން އިދާރާއަކުން ކުނި އަޅަން ހާއްސަކޮށް ވިއްކާ ނުވަތަ ދޫކުރާ ބިންލައިނާތަކެވެ.
ނަމަވެސް މިއަދު ފާސްކުރި ބިލްގައި އޮތީ އެ މާއްދާއަށް އަކުރެއް އިތުރުކޮށް، 50 އަށް ވުރެ ގިނަ ކޮތަޅު ހިމެނޭ ކޮތަޅު ބޮނޑި ވެސް ފީ ނެގުމުގައި އިސްތިސްނާވާ ބާވަތުގެ ތެރޭގައި ހިމެނުމަށެވެ.
ޕްލާސްޓިކް ކޮތަޅުން ފީ ނެގުމުގެ ނިޒާމަށް، ގެންނަން އެ ބިލުގައި ހުށަހަޅާފައިވާ އަނެއް ބަދަލަކީ ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައި ނުވާ ތަންތަނުން ދޫކުރާ ކޮތަޅަށް ވެސް ފީ ނަގާ ގޮތަށް ހަމަޖައްސައި އަދި އެގޮތަށް ނަގާ ފީ އާ މެދު އަމަލުކުރާނެ ގޮތުގެ ގަވާއިދެއް ހަދަން މިނިސްޓްރީއަށް ލާޒިމް ކުރުމެވެ.
އެހެންވެ، ޖީއެސްޓީއަށް ރަޖިސްޓްރީކޮށްފައި ނުވާ ފަރާތްތަކުން ވެސް ޕްލާސްޓިކް ކޮތަޅަށް ފީ ނަގާކަން ކަށަވަރު ކުރުމަކީ މިނިސްޓްރީން ކުރަން ޖެހޭ ކަަމަކަށް ހަދަން ވެސް އެ ބިލުގައިވެއެވެ.
ކުނި މެނޭޖްކުރުމުގެ ގާނޫނު މިހާރު އޮތްގޮތުން ޕްލާސްޓިކް ކޮތަޅުން ނަގާ ފީ ތަކުރާރުކޮށް އެތައް ފަހަރަކު ނަގަން ޖެހެ އެވެ. އެގޮތުން ފިހާރަތަކާއި ސައިހޮޓާ ރެސްޓޯރަންޓް ފަދަ ތަންތަނަށް ގަނޑުކޮށް ކޮތަޅު ގަންނައިރު އެ ތަންތަނުން ވެސް ކޮންމެ ކޮތަޅަކަށް ދެ ރުފިޔާގެ މަގުން ހޯލްސޭލަރުންނަށް ފީ ދައްކަން ޖެހެއެވެ.
ކޮތަޅު ސަޕްލައި ކުރުމުގެ ތެރޭގައި އެތައް ފަހަރަކު ފީ ނެގުން ތަކުރާރުވާތީ އެ ގާނޫނަށް އަމަލުކުރަން ފެށީއްސުރެ އެކި ފަރާތްތަކުން ދިޔައީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.












