
ތަޢުލީމާއި މަތީތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު
އިންކުލޫސިވް އެޑިއުކޭޝަނަށް އަހުލުވެރިވާންޖެހެނީ ހަމައެކަނި ސެން ޓީޗަރުން ނޫން ކަމަށް ތަޢުލީމާއި މަތީތަޢުލީމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ ސްކޫލުތަކުގައި މަސައްކަތްކުރާ ހުރިހާ ޓީޗަރުންނާއި ލީޑިންގ ޓީޗަރުންނާއި ޕްރިންސިޕަލުން އިންކުލޫސިވް ޕެޑަގޮޖީއަށް އަހުލުވެރިކުރުމަށް ކުރިއަށްގެންދާ "އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަން" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވީ އެންމެ ބޮޑު އިސްކަމެއްދެވޭ އެއްކަމަކީ މުދައްރިސުން ތަމްރީންކުރުންކަމަށެވެ. މުދައްރިސުން ތަމްރީންކުރުމަށް ކުރިއަށްގެންދާ ޤައުމީ ޕްރޮގްރާމްގެ ތެރެއިން އެތައް ސަތޭކަ ދަރިވަރުންނެއް މިހަރުވެސް ކިޔަވަމުންދާކަމަށާއި އޭގެ ތެރޭގައި ސެން ޓީޗަރުންވެސް ހިމެނޭކަމަށެވެ.
މި މަސައްކަތް 2024ވަނަ އަހަރު ފެށިއިރު ނުކުޅެދުންތެރިކަން ހުންނަ ދަރިވަރުންނަށް ކިޔަވައިދޭ މުދައްރިސިުން މަދުކަން ފާހަގަކުރެވުނަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ އޭގެ ތެރެއިންވެސް އަތޮޅުތަކުގެ ސްކޫލްތަކުގެ އެފަދަ މުދައްރިސުން މަދުކަމަށެވެ. އެހެންކަމުން މިއަދު އިފްތިތާހްކުރި އޮންލައިން ޕްލެޓްފޯމާއާއެކު ކޮންމެ މުދައްރިސަކު ކޮންމެ ތަނެއްގައިވެސް ހުރެގެންވެސް އިންކުލޫސިވް އެޑިއުކޭޝަންއަށް އަހުލުވެރިވެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އިންކުލޫސިވް އެޑިއުކޭޝަންއަށް އަހުލުވެރިވުމަކީ ސެން ޓީޗަރުންނަށް އެކަނި އޮތްކަމެއް ނޫންކަމަށާއި ހުރިހާ މުދައްރިސުންވެސް ކޮންމެ ކުއްޖަކަަށްވެސް ތަފާތުކުރުމެއް ނެތި އުނގަންނައިދިނުމަށް ތައްޔާރުވެފައިތިބެންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.
"އެޑިއުކޭޝަންގެ ޒިންމާއަކަށް ވާނީ މުދައްރިސުންނަށް ބޭނުންވާ ފަންނީ އެހީތެރިކަން ވީހާވެސް ފަހިކޮށް އޮންނާނެ ފަދަ ނިޒާމެއް ޤާއިމްކުރުން. މިއަދު އިންކުލޫސިވް އެޑިއުކޭޝަންއަށް ޚާއްސަކޮށްގެން ކޯހެއް އެންއައިއިގެ ޕްލެޓްފޯމްގެ ތެރެއިން ޤާއިމްކޮސްދެވުނީ މިއާއެކު ލީޑަޝިޕް ޕްރޮގްރާމްތަކެއްވެސް އަންނާނެ. އަދި އެކި ކީސްޓޭޖްތަކަށް ޚާއްސަ އެކި މާއްދަތަކަށް ޚާއްސަކޮށްގެން ކޯސްތަކެއްވެސް އަންނާނެ" ތަޢުލީމީ ވަޒީރު ޑރ. އިސްމަޢީލް ޝަފީޢު ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކައިގައި ވަނީ މުދައްރިސުންނަށް ލިބޭ މިފަދަ ފުރުޞަތުތަކުގެ ބޭނުން ހިފާ ދަރިވަރުންނަށް ވީހާވެސް އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތަކަށް ޒަމާނީ އުކުޅުތައް ދަސްކޮށް ކުރިއަށްދިޔުމަށް އެދިވަޑައިގެންފައެވެ.
އެޑިޔުކޭޓަރ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ޕްރޮގްރާމް ފޯ އިކުއުޓީ އެންޑް އިންކްލޫޝަންގައި އީ ލަރނިން 7 މޮޑިއުލްއެއް ފަރުމާކޮށްފައިވެއެވެ. މި މޮޑިއުލް މިހާރު ވަނީ އެދުރު ޕޯޓަލް މެދުވެރިކޮށް ސުކޫލްތަކަށް ހުޅުވާލާފައެވެ.
މިއީ ސްކޫލްތަކުގެ މުވައްޒަފުން އިންކުލޫސިވް ޕެޑަގޮޖީއަށް އަހުލުވެރިކޮށް ޓީޗަރުންނާއި ވެރިންގެ ޤާބިލުކަން މިދާއިރާއިން އިތުރުކުރުމުގެ މަގްސަދުގައި ފަރުމާކޮށްފައިވާ މޮޑިއުލްތަކެކެވެ. މިއީ ސެލްފް ޕޭސްޑް ނުވަތަ ފްލެކްސިބްލް ވަގުތު ބޭނންްކޮށްގެން ފުރިހަމަކުރެވޭ މޮޑިއުލްތަކެކެެވެ. މި މޮޑިއުލްތައް ފުރިހަމަކުރާ މީހުންނަށް އިންކްލޫސިވް އެޑިއުކޭޓަރ ސެޓްފިކެޓް ޕޯޓަލްއިން ލިބޭނެކަމަށް ތަޢުލީމީ ވުޒާރާއިން ވިދާޅުވިއެވެ.
މި މަސައްކަތް ކުރައްގެންދަނީ ޑިޕާޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނުންނެވެ. މި މަސައްކަތުގެ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގައި 10 ސްކޫލްއެއްފެ 35 މީހުން ވަނީ ބޭނުންކޮށްފައެވެ. ދެން ކުރިއަށްދާނީ މިމަސައްކަތް ހުރިހާ ސްކޫލްއެއްގައި ކުރިއަށްގެންދިޔުމެވެ.

.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)



.jpeg?w=3840&q=75)
%20(1).jpg?w=3840&q=75)




