
ޑީއެސްސީ ކުޅުންތެރިން އުފާފާޅުކުރަނީ.. ފޮޓޯ: ގާފު ސްޕޯޓްސް
މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް)ގެ ގުރޫޕް ބީގެ ފަހު މެޗުގައި ފަސޭހަކަމާއެކު ސީދާ ތިން ސެޓުން އެމްޓީސީސީ ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިން ކުލަބު (ޑީއެސްސީ) އިން ގުރޫޕްގެ އެއްވަނަ ޔަގީންކޮށްފިއެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ޑީއެސްސީ ކުޅުނު ފުރަތަމަ މެޗުގައި ފަހަތުން އަރައި 3-2 ގެ ނަތީޖާއަކުން ދަނޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކުލަބު އަތުން މޮޅުވެފައިވާއިރު، ދެވަނަ މެޗުގައި އެޓީމުން ވަނީ ފަސޭހަކަމާއެކު ސީދާ ތިން ސެޓުން ސަން ސްޕޯޓްސް ކުލަބު ބަލިކޮށްފައެވެ.
މިމެޗަށް ނިކުތްއިރުވެސް ސެމީފައިނަލުގެ ޖާގައެއް މިދެ ޓީމަށްވެސް ކަށަވަރުވެފައިވާއިރު، ޑީއެސްސީ އިން މެޗުގެ ފުރަތަމަ ސެޓް ކާމިޔާބުކުރީ ވާދަވެރި ކުޅުމަކަށްފަހު ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 21-25 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ ސެޓުގައި ޑީއެސްސީ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން މިސެޓު އެޓީމުން ކާމިޔާބުކުރީ ނުވަ ޕޮއިންޓްގެ ބޮޑު ލީޑަކާއެކު 16-25 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި މެޗުގެ ތިންވަނަ ސެޓުގައި ދެޓީމުގެ ފަރާތުން ފޯރިގަދަ ކުޅުމެއް ފެނިގެންދިޔައިރު، ޑީއެސްސީ އިން މި ސެޓް ކާމިޔާބުކުރީ ހަތަރު ޕޮއިންޓްގެ ލީޑަކާއެކު 21-25 ގެ ނަތީޖާއަކުންނެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް މޮޅުވެ އަށް ޕޮއިންޓާއެކު ގުރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ޑީއެސްސީ ސެމީފައިނަލުން ޖާގަ ހޯދިއިރު، މިމެޗުން ބަލިވި އެމްޓީސީސީއަށް ސެމީގެ ފުރުސަތު ލިބުނީ ތިން މެޗުން ހޯދި ހަ ޕޮއިންޓާއެކު ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައެވެ.
މިމުބާރާތުގައި މިއަހަރު ޖުމްލަ އަށް ޓީމަކުން ވާދަކޮށްފައިވާއިރު، މުބާރާތުގެ މެޗުތައް ކުރިއަށް ގެންގޮސްފައިވަނީ ބައިވެރިވި އަށް ޓީމު ދެ ގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދި ދެޓީމު ސެމީފައިނަލަށް ހޮވުނު އިރު، ގުރޫޕް އޭ އިން ސެމީފައިނަލުގެ ޖާގަ ހޯދީ ކުލަބު އެޗްޑީސީ އަދި ލަޔަންސް ރެކްރިއޭޝަން ކުލަބުންނެވެ.
މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ތާވަލުކޮށްފައި ވަނި، އަންނަ ބުދަ ދުވަހުގެ ހަވީރާއި ރޭގަނޑެވެ. އަދި، ތިން ވަނަ ހޮވާ މެޗު ބުރާސްފަތި ދުވަހު ހަވީރު ކުޅޭއިރު، ފައިނަލް މެޗު އެ ރޭ ކުޅޭނެ އެވެ.
މީގެ އިތުރުން ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ މެޗުތައް ބަލަން ސަޕޯޓަރުން ޓިކެޓް ގަންނަން ޖެހޭއިރު، ވޮލީބޯލް އެސޯސިއޭޝަނުން ހަަމަަޖައްސާފައިވާ ޓިކެޓްގެ އަގަކީ، 30 ރުފިޔާ އެވެ.
















