
ލ. މާވަށުގެ ބިންހިއްކުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލުނއ
ލ. މާވަށުގެ ބިންހިއްކުމުގެ މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިންމާލައިފިއެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީންއެވެ.
އާބާދީގައި 2200 މީހުން ދިރިއުޅެމުން އަންނަ ލ.މާވަށަކީ ބިމުގެ ޖާގައިގެ ދަތިކަން ކުރިމަތިވެފައިވާ ރަށެކެވެ. އެރަށުގައި އެއްވެސް ކަމަކަށް ދޫކުރާނެ ބިމެއް ނެތެވެ. ދިރިއުޅުމަށް އެންމެ ފަހުން ބިން ދޫކޮށްފައިވަނީ މީގެ 20 އަހަރުކުރިންނެވެ.ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަތޮޅުތަކަށް ކުރެއްވި ދަތުރުފުޅުތަކުގައި މާވަށަށް ވަޑައިގަތުމުން އެރަށު ރައްޔިތުންގެ އޮތް އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށަށް ކުރިމަތިވެފައިވާ ބިމުގެ ޖާގައިގެ ދަތިކަމުގެ ޝަކުވާއެވެ. އެރަށުގައި ސަރުކާރުން އެންމެ ފުރަތަމަ ނިންމީ 15 ހެކްޓަރުގެ ބިން ހިއްކާށެވެ.
ނަމަވެސް ރައްޔިތުންގެ ކަންބޮޑުވުން އޮތް މިންވަރު ބެއްލެވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވަނީ އިތުރު 15 ހެކްޓަރު އިތުރުކޮށްދެއްވާ، ޖުމްލަ 30 ހެކްޓަރުގެ ބިން މާވަށުގައި ހިއްކުމުގެ މަސައްކަތް ކުރުމަށް ނިންމަވާފައެވެ.
އެ މަސައްކަތުގެ ދަށުން ބިން ހިއްކުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް މިހާރު ވަނީ ނިންމާލާފަައެވެ. މާވަށު ބިން ހިއްކުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 15 ހެކްޓަރުގެ ބިން އެއްކޮށް ހިއްކާ ނިންމާލި އިރު ދެވަނަ ފިޔަވަހީގައި ހިމެނޭ 15 ހެކްޓަރުގެ ބޮޑުބައެއްވެސް ވަނީ ނިންމާލައިފައެވެ.މާވަށު ބިން ހިއްކުމުގެ މަޝްރޫޢު ނިމުމުން އެސަރަޙައްދުގެ ލޭންޑް ޔޫސް ޕްލޭން ހެދުމަށްފަހު އެންމެ އިސްކަމެއް ދިނުމަށް ހަމަޖެހިފައިވަނީ ބޯހިޔާވަހިކަމުގެ މަޝްރޫޢެއް އެސަރަޙައްދުގައި ކުރިއަށްގެންދިޔުމަށެވެ. އެގޮތުން އެންމެފަހުން ރައީސް އެރަށަށް ކުރެއްވި ދަތުރުފުޅުގައި އަލަށް ހިއްކާ ސަރަޙައްދުގައި ބޯހިޔާވަހިކަމުގެ މަޝްރޫޢެއް ކުރިއަށްގެންދަވާނެކަމަށާއި އެސަރަޙައްދުގައި ބޮޑު ފުޓުބޯޅައަށް ޚާއްސަ ދަނޑެއް ތަރައްޤީކޮށްދެއްވާނެކަމަށްވަނީ ވިދާޅުވެފައެވެ.މިމަސައްކަތް ނިމިގެންދާއިރު އެސަރަޙައްދުގައި މާވަށުގެ ރައްޔިތުން މޫދަށް އެރިލާނެ ސަރަޙައްދެއްވެސް ތަރައްޤީކުރުމަށްވަނީ ހަމަޖެހިފައެވެ.












