
ސަރުކާރުގެ ޓެކްސީ ލައިނަށް ބޭނުންކުރާ ކާރުތައް- ފޮޓޯ: އެމްޓީސީސީ
"މާލެ ޓެކްސީ ލައިން" ގެ ހިދުމަތުގައި ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންގެ މައުލޫމާތު ލީކްކުރި މުވައްޒަފުގެ މައްސަލަ ތަހުގީގުކުރަން ފުލުހުންނަށް ހުށަހަޅާފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.
އެމްޓީސީސީ އިން މިހެން ބުނީ ގްރޭޓަރ މާލެ ސަރަހައްދުގައި ދެމުން އަންނަ "މާލެ ޓެކްސީ ލައިން" ގެ އެޕްލިކޭޝަން ބޭރުން ބަޔަކު ހެކްކޮށްފައިވާ ކަމަށް ބުނެ ފަތުރަމުންދާ ހަބަރުތަކާ ގުޅިގެން އެމްޓީސީސީން "މާލެ ޓެކްސީ ލައިން" ގެ އެޕްލިކޭޝަނަށް މައްސަލަ ދިމާވިގޮތް ހާމަކޮށް ނެރުނު ބަޔާނަށް ރިއާޔަތްކޮށެވެ.
އެމްޓީސީސީން ބުނީ މާލެ ޓެކްސީ ލައިންގެ ހިދުމަތުގައި ބޭނުންކުރާ މޮބައިލް އެޕްލިކޭޝަންގެ މައުލޫމާތު ލީކްކުރި މުވައްޒަފުގެ މައްސަލަ ތަހުގީގުކުރަން ރަސްމީކޮށް ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.
އެމްޓީސީސީން އަބަދުވެސް ކަސްޓަމަރުންނާއި ހިއްސާދާރުންގެ ހައްގުތައް ހިމާޔަތްކޮށް، ރައްކާތެރިކުރުމަށްޓަކައި ކުރަންޖެހޭ ކޮންމެ ކަމެއް ކުރުމުގައި އަބަދުވެސް ދެމިއޮންނާނެ ކަމުގެ ޔަގީން އެކުންފުނިން ދީފައިވެ އެވެ. އަދި ސަރުކާރާއި، ކުންފުނީގެ ހިއްސާދާރުންނާއި، ކަސްޓަމަރުންނާއި، ވިޔަފާރީގެ ބައިވެރިން އެމްޓީސީސީއަށް ކުރާ އިތުބާރަށް އެމްޓީސީސީން ވަނީ ޝުކުރުއަދާކޮށްފަ އެވެ.
މީގެއިތުރުން އެމްޓީސީސީން ވަނީ މާލެ ޓެކްސީ ލައިން ހިދުމަތް ގްރޭޓަރ މާލެ ސަރަހައްދުގައި ފެށިގެން މިވީ ދުވަސްތަކުގެ ތެރޭގައި ކަސްޓަމަރުންގެ ފަރާތުންނާއި،ރައްޔިތުންގެ ފަރާތުން ލިބުނު ތަރުހީބާއި އެއްބާރުލުމަށްވެސް ޝުކުރު އަދާކޮށްފަ އެވެ.
އެމްޓީސީސީގެ މަގުސަދަކީ ރާއްޖޭގައި އެއްގަމާއި ކަނޑު ދަތުރުފަތުރުގެ ހިދުމަތް ފޯރުުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، ކަނޑައެޅިފައިވާ އަގުގައި، ވީހާވެސް ލުއިފަސޭހަކަމާއެކު، ދަތުރުފަތުރުގެ ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ތިބުން ކަމަށެވެ.
މި މައްސަލައާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވީ މައުލޫމާތާ ގުޅިގެން ތަހުގީގުކޮށް އެމްޓީސީސީން އިއްޔެގައި ވަނީ އެޕްލިކޭޝަނަށް މައްސަލަ ދިމާވިގޮތް ހާމަކޮށްފަ އެވެ. އަދި އޭގައިވަނީ މާލެ ޓެކްސީ ލައިން ޓެކްސީ އެޕްލިކޭޝަންގެ ބެކްއެންޑް ޑޭޓާބޭސް ސިސްޓަމުގައި ހުރި މައުލޫމާތުތަކަށް ބަދަލު ގެނެސް،ސިސްޓަމްގައި ހުރި މައުލޫމާތުތަކުގެ ސްކްރީން ޝޮޓް ނަގައި ލީކުކޮށްފައިވަނީ ކުންފުނީގައި މަސައްކަތްކުރަމުން އަންނަ މުވައްޒަފެއްކަން ކުންފުނިން ކުރި އެތެރޭގެ ތަހުގީގުން ފާހަގަވެފައިވާ ކަމަށެވެ.












