








Pep-Guardiola-Signs-New-Contract-Handout-Photos
މެންޗެސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ގެ ކޮންޓްރެކްޓް ދެ އަހަރަށް އިތުރުކޮށް، 2025 ވަނަ އަހަރާ ހަމައަށް އޭނާ އެ ކްލަބުގައި މަޑުކުރުމަށް ނިންމައިފި އެވެ.
އުމުރުން 51 އަހަރުގެ ގާޑިއޯލާ ވަނީ މެންޗެސްޓާ ސިޓީގެ ކޯޗުކަމުގެ ހަ އަހަރުގެ ތެރޭގައި ޕްރިމިއާ ލީގުގެ ހަތަރު ތަށި ހިމެނޭ ގޮތަށް 11 ތަށި ހޯދައިފަ އެވެ. "ފުރަތަމަ ދުވަހުން ފެށިގެން އަހަރެންނަށް އިހުސާސްކުރެވުނީ މިތަނުގައި ވަރަށް ހާއްސަ ކަމެއް ހުރިހެން. މިއަށްވުރެ ރަނގަޅު ތަނެއްގައި ކޯޗުކަން ނުކޮށްދެވޭނެ. އަދި އިތުރު ދެ އަހަރު މެންޗެސްޓާ ސިޓީގައި މަޑުކުރުމުން ވަރަށް އުފާވާ ކަމަށެވެ. " ގާޑިއޯލާ ބުންޏެވެ.
"އަހަރެންނަށް އަދިވެސް އިހުސާސް ކުރެވެނީ އެކުގައި ހާސިލް ކުރެވޭނެ އިތުރު ކަންތައްތަކެއް އެބަހުރި، އެހެންވެ އަހަރެން ބޭނުން ވަނީ އަދިވެސް ކްލަބްގައި މަޑުކޮށް ޓްރޮފީހޯދުމުގެ މަސައްކަތުގައި ދެމިތިބެން."
އިނގިރޭސި ޕްރިމިއާ ލީގުގެ މިހާރުގެ ޗެމްޕިއަން ސިޓީ މި ސީޒަނުގައި ތާވަލުގެ ދެވަނައިގައި އާސެނަލަށް ވުރެ ފަސް ޕޮއިންޓް ފަހަތުގައި އޮށް އިރ،ު ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ފެބްރުއަރީ މަހު މެންޗެސްޓާ ސިޓީ ނުކުންނާނީ ޖަރުމަނުގެ އާރްބީ ލައިޕްޒިގާ ދެކޮޅަށެވެ.
ޗެއާމަން ޚަލްދޫން އަލް މުބާރަކް ބުނީ ގާޑިއޯލާގެ ކޮންޓްރެކްޓް ގެ މުއްދަތު އިތުރުކުރުމުން އުފާކުރާ ކަމަށެވެ.
2016 ވަނަ އަހަރު ސިޓީއާ ގުޅުމުގެ ކުރިން ގާޑިއޯލާ ވަނީ ބާސެލޯނާ އާއި ބަޔާން މިއުނިކްއަށް ކޯޗުކަން ކޮށްދީ ގިނަ ކާމިޔާބީތަކެއް ހޯދާފައެވެ. އެގޮތުން އޭނާ ވަނީ ބާސަލޯނާގައި 14 ތަށިހޯދާފައެވެ. މީގެ ތެރޭގައި ޗެމްޕިއަންސް ލީގް، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކްލަބް ވޯލްޑްކަޕް ހިމެނެއެވެ. އެގޮތުން ބެޔާން މިއުނިކްގައިވެސް ގާޑިއޯލާ ވަނީ ބުންޑަސްލިގާގެ ތަށި ޖެހިޖެހިިގެން 3 ފަހަރު ހޯދާފައެވެ.




