








މިއަހަރުގެ ޤައުމީ މާމަކާފަ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޕެންޝަން އޮފީހުން އިސްނަގައިގެން ބ. އޭދަފުށީގެ މާމަކާފައިންނާއެކު ހަވީރުގެ ސައެއް ބާއްވައިފިއެވެ.
މި ހަރަކާތަކީ ރަށުގެ އިސްރަށްވެހިން އެއްތަނަކުން ބައްދަލުވެ، އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކޮށް، އިޖުތިމާޢީ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤުޞަދުގައި ބޭއްވި ހަރަކާތެކެވެ. މި ހަރަކާތުގައި އޭދަފުށީގެ މާމަކާފައިންނާއި އެފަރާތްތަކުގެ އާއިލާގެ މެންބަރުން ހިމެނޭހެން 150 އަށް ވުރެ ގިނަ މީހުން ވަނީ ބައިވެރިވެފައެވެ.
ޕެންޝަން އޮފީހުގެ ފަރާތުން ވާހަކަފުޅު ދައްކަވަމުން، ޗީފް އޮޕަރޭޓިންގ އޮފިސަރ މަރިޔަމް ޝިއުނާ ވަނީ މާމަކާފައިންގެ ދުވަސް ފާހަގަކުރުމާއި އެބޭފުޅުންގެ އަގުވަޒަންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ. ޝިއުނާ ފާހަގަކުރެއްވި ގޮތުގައި، ޤައުމީ ފެންވަރުގައި މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، މުޖުތަމަޢުގައި މާމައިންނާއި ކާފައިން އަދާކޮށްފައިވާ އަދި އަދާކުރައްވަމުން ގެންދަވާ އިސް ދައުރު ފާހަގަކޮށް، ތަރުބަވީ ޖީލެއް ބިނާކުރުމަށް އެ ފަރާތްތަކުން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމެވެ.
އޭދަފުށީ ކައުންސިލްގެ ފަރާތުން ވާހަކަދައްކަވަމުން، ކައުންސިލްގެ ރައީސް ޝާމީ އިބްރާހީމް ވަނީ އާއިލާތަކަށާއި މުޅި މުޖުތަމަޢަށްޓަކައި މާމައިންނާއި ކާފައިން އަދާކޮށްދެއްވާފައިވާ އަގުހުރި ދައުރު ފާހަގަކުރައްވާފައެވެ. ޝާމީ ވިދާޅުވީ، ހެޔޮލަފާ ތަރުބަވީ ޖީލެއް ބިނާކުރުމުގައި އެ ފަރާތްތަކުން ވެފައިވާ ޤުރުބާނީތަކަކީ އަގުނުކުރެވޭ ފަދަ މަތިވެރި ޚިދުމަތްތަކެއް ކަމަށާއި، މުޖުތަމަޢު ބިނާކުރުމުގެ އެންމެ މުހިންމު އެއް ބިންގަލަކީ މާމަކާފައިން ކަމަށެވެ.
މި ހަވީރުގެ ސައިގެ ތެރެއިން، ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ފަރާތުން "އުފާވެރި ރާސްތާ" ޕްރޮގްރާމުގެ ސެޝަނެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަންގައި ދުޅަހެޔޮ ރިޓަޔަރމަންޓެއް ބިނާކުރުމާއި، އުމުރުން ދުވަސްވަމުންދާއިރު ސިއްހަތަށް ފައިދާހުރި އާދަތައް ދެމެހެއްޓުމާ ގުޅޭގޮތުން މުހިންމު މައުލޫމާތުތަކެއް ބައިވެރިނަށް ވަނީ ފޯރުކޮށްދީފައެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އަދި ބ. އޭދަފުށީ ކައުންސިލާ ގުޅިގެންނެވެ. މި ހަރަކާތް ހިމެނެނީ އިސްރަށްވެހިންގެ އަގުވަޒަންކޮށް، އާއިލާތަކާއި މުޖުތަމަޢުގެ މެދުގައި އެކުވެރިކަމާއި ގުޅުން ބަދަހިކުރުމަށް މި މުއައްސަސާތަކުން ކުރަމުންދާ މަސައްކަތުގެ ތެރެއިންނެވެ.








