








big_ISkMo20VhwDwYQj2q0KRs2e7D
ތާރު އަޅައިގެން މާލޭގެ އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތުގެ ތެރެއިން ދެވަނަ ސެގްމަންޓުގެ މަސައްކަތް މި ހަފްތާގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ)ން ބުނެފި އެވެ.
އާރުޑީސީން އަމީނީ މަގު ތަރައްގީކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ބާރަ ވަނަ ދުވަހުއެވެ.
އާރްޑީސީން ބުނީ އަމީނީމަގުގެ ދެވަނަ ސެގްމަންޓުގެ އަމަލީ މަސައްކަތް މި ހަފްތާގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި ދެވަނަ ސެގްމަންޓުގައި 136 މީޓަރުގެ ސަރަހައްދެއްގައި ތާރު އަޅާނެ ކަމަށެވެ.
އަދި މި ހަފްތާތެރޭގައި އެ ސަރަހައްދުގެ މަގު ހުސްކޮށް، ގާތައް ނަގާ، މަގު ކޮނުމުގެ މަސައްކަތް ފެށޭނެ ކަމަށް އާރްޑީސީން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން އަމީނީމަގުގެ ފުރަތަމަ ސެގްމަންޓުގައި މަގުގެ ދެފަރާތުގައި ޖެހުމަށް ބޭނުންވާ ކާބްސްޓޯން އެޅުމުގެ މަސައްކަތާއި ފެނާއި ނަރުދަމާ ހޮޅި އެޅުމުގެ އިތުރުން ކޭބަލްޓްރޭ އެޅުމުގެ މަސައްކަތް ވަނީ ނިމިފަ އެވެ. އަދި ސްޓޯމް ވޯޓާ ސިސްޓަމް ގާއިމުކޮށް، ތާރުއެޅުމުގެ ކުރިން ވާންޖެހޭ ހުރިހާ ތާއްޔާރީތަކެއް ނިމުމަކާ ހިސާބަށް ގޮސްފައިވާ ކަމަށް އާރްޑީސީން ބުނެ އެވެ.
އަމީނީމަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މުޅި މިމަޝްރޫއުގައި 1.79 ކިލޯމީޓަރުގެ މަގު ހިމެނެ އެވެ.
މި މަސައްކަތް ސަރުކާރުން އާރްޑީސީއާއި ހަވާލުކޮށްފައިވަނީ 7 މަސް ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މި މަޝްރޫއުގެ ދަށުން، މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީން ކުރާނީ މަގުތަކުގެ އަޑީގައި ކުރަންޖެހޭ މަސައްކަތްތައް އެއްކޮށް ނިންމާ، މުޅި އަމީނީމަގު 3 ނުވަތަ 4 ސެގްމަންޓަކަށް ބަހާލައިގެންކަމަށް އާރްޑީސީން ބުނެ އެވެ.