








310560449_10222386435199049_3509529954771818677_n
ގދ. ގައްދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އަންނަ އަހަރުގެ މެދުތެރެއަށް ނިންމާލެވޭނެކަމަށް މަޝްރޫޢުގެ ކޮންޓްރެކްޓަރ އާރް.ޑީ.ސީން ވިދާޅުވެއްޖެއެވެ.
ގައްދޫ މަގު ހެދުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯރޕަރޭޝަން، އާރް.ޑީސީއާއި ޙަވާލުކޮށްފައިވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް އެކުންފުނިން ފަށާފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޫބަރުމަހުގެ ތެރޭގައެވެ.
ޑިޒައިން އެންޑް ބިލްޑް އުޞޫލުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ތެރެއިން ޖުމްލަ 6 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރެވިގެންދާނެއެވެ.
ގައްދޫ މަގުހެދުމުގެ މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ މަގުތައް:
ޝާރިއުލް އަމީން މަގު : 249 މީޓަރު
ވައިލެޓް މަގު : 299 މީޓަރު
އޯކިޑްމަގު : 394 މީޓަރު
ހަނދުވަރީ މަގު : 396 މީޓަރު
އަމީރު އަހުމަދު މަގު : 1261 މީޓަރު
ވަތަބަނޑޭރި މަގު : 3483 މީޓަރު
މި މަޝްރޫޢުގެ މަސައްކަތާއި ގުޅޭގޮތުން އާރް.ޑީ.ސީން ވިދާޅުވީ، މިހާރު ކުރިއަށްދަނީ ގައްދޫގެ ވަތަބަނޑޭރި މަގުގައި އޭބީސީ އެންމެފަހު ފަށަލަ ކޮމްޕެކްޓް ކުރުމުގެ މަސައްކަތްކަމަށެވެ. އަދި އެ މަސައްކަތުގެ 61 ޕަސަންޓް ނިމިފައިވާކަމަށެވެ.
އަދި ޝާރިއުލް އަމީން މަގުގައި މަސައްކަތްތައް ނިމި ތާރުއެޅުމަށް ތައްޔާރުވެފައިވާކަމަށް އާރް.ޑީ.ސީން ވިދާޅުވިއެވެ. އަދި ވައިލެޓް މަގުގައިވެސް ކޭބަލް ޖަންކްޝަން އެޅުމާއި ހޮޅި އެޅުމުގެ މަސައްކަތުގެ އިތުރުން މަގު ބައްތި ޖެހުމާއި ދުވާރުގެ މަސައްކަތް ނިމިފައިވާއިރު، އެ މަގުގެ އޭބީސީ ލޭޔަރުގެ މަސައްކަތް ނިމިފައިވާކަމަށް އާރް.ޑީ.ސީން ވިދާޅުވެއެވެ.
ގައްދޫގެ ވަށައިގެން އޮންނަ ރިންގް ރޯޑް ނުވަތަ ވަތަބަނޑޭރި މަގާއި ޝާރިއުލް އަމީން މަގުގައިވެސް ކުރަންޖެހޭ ގިނަ މަސައްކަތްތައް ނިމިފައިވާކަމަށް އާރް.ޑީ.ސީން ވިދާޅުވެއެވެ. އަދި ޖުމްލަކޮށް މި ތިންމަގުގެ 81 ޕަސަންޓް މަސައްކަތް ނިމިފައިވާކަމަށް އެކުންފުނިން ވިދާޅުވެއެވެ. ބާކީހުރި މަގުތައްކަމަށްވާ އަމީރު އަހުމަދު މަގާއި، ހަނދުވަރީމަގު އަދި އޯކިޑް މަގުގައި މިވަގުތު ކުރިއަށްދަނީ ކޭބަލް ޖަންކްޝަން އެޅުމާއި، ހޮޅި އެޅުމުގެ އިތުރުން ކާބްސްޓޯން އެޅުމުގެ މަސައްކަތްތައްކަމަށް އާރް.ޑީ.ސީން ވިދާޅުވެއެވެ.
މި މަޝްރޫޢުގެ ދަށުން މަގުތަކުގެ މަސައްކަތް އެއްކޮށް ނިމޭއިރު، ރަށުގައި ފެން ބޮޑުވާ މައްސަލައަށް ބޮޑު ޙައްލެއް ލިބޭނެއެވެ. މަޝްރޫޢުގައި ހިމެނޭ ފެންހިންދާ ނިޒާމުގައި، ފެން ހިންދާ ޕަމްޕް ސްޓޭޝަންތައް ހިމެނޭނެއެވެ. އަދި މުޅި ޕްރޮޖެކްޓް ނިމޭއިރު މަގު ބައްތި ޖެހުމާއި، މަގުތަކުގައި ބަންޕަރު ހަރުކުރުމާއި، ޓްރެފިކް ނިޝާންތައްވެސް ޖަހާނެއެވެ.
މި މަޝްރޫއަކީ ސަރުކާރުން 75 މިލިއަނަށްވުރެ ގިނަ ރުފިިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢުއެކެވެ. ބިމުގެ ބޮޑުމިނުގައި 50.2 ހެކްޓަރު ހުންނަ ގައްދޫއަކީ ގދ. އަތޮޅުގައި ދެވަނަ އަށް އެންމެ ބޮޑު އާބާދީ ދިރިއުޅޭ ރަށެވެ. އެރަށުގައި 3000 އަށްވުރެ ބޮޑު އާބާދީއެއް އަންނަނީ ދިރިއުޅެމުންނެވެ.




