
Islamic-Minister
ހައްޖުކޯޕަރޭޝަންގެ ބެލުމުގެ ދަށުން މިއަހަރު ހައްޖަށް ދިޔަ ހައްޖުވެރިންގެ ޕީސީއާރު ޓެސްޓު ހެދުމަށް މެޑިފްލެކްސް އަށް ހަވާލުކުރީ އަގުހެޔޮވުމުން ކަމަށް އިސްލާމިކް މިނިސްޓަރ އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.
މިނިސްޓަރ އަހުމަދު ޒާހިރު އަލީ މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާޙިމް ރަޝީދު ކުރެއްވި ސުވާލަކަށް ލިޔުމުން ދެއްވި ޖަވާބުގައެވެ.
އިބްރާހިމް ރަޝީދު ސުވާލުކުރެއްވީ، ސަރުކާރު ހޮސްޕިޓަލުން ޕީސީއާރް ޓެސްޓް ހެދޭނެ ގޮތް ހަމަޖެހިފައިވަނިކޮށް، ހައްޖު ކޯޕަރޭޝަނުން އެއްވެސް އަމިއްލަ ކްލިނިކަކަށް ފައިސާ ދައްކައިގެން ކޮވިޑް ޓެސްޓް ހަދާފައިވޭތޯއާއި، އެއީ ކޮން ކްލިނިކެއްތޯ އަދި ޓެސްޓް ކުރުމަށް ކިހާވަރެއް ދައްކާފައިވޭތޯ ބެލުމަށެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިޔަ ފަރާތްތަކުން ހަދަންޖެހޭ ޕީސީއާރް ޓެސްޓް ހަދައިދޭނެ ބަޔަކު އެ ކުންފުނިން ހޯދާފައިވަނީ އެ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ އެއްގޮތަށް ކަމަށެވެެ. އެގޮތުން މެޑިފްލެކްސް އާ ޕީސީއާރު ހެދުމަށް ހަވާލުކުރީ ބޮލަކަށް 200 ރުފިޔާގެ ރޭޓުން ކަމަށާއި އައިޖީއެމްއެޗް އިން ޕީސީއާރު ހެދެނީ ބޮލަކަށް 700 ރުފިޔާއަށް ކަމަށް މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ، ޕޮލިހުން އަތުގައި މިކަމަށް ބޭނުންވާ ކެމިކަލް ނެތުމުން ޕީސީއާރު ޓެސްޓު ހެދެން ނެތް ކަމަށް އަންގާފައިވާ ކަމަށެވެ. އަދި އެޗްޕީއޭ މެދުވެރިކޮށް ޕޮލިހުންނަށް ކެމިކަލް ފޯރުކޮށްދިނުމަށް މަަސައްކަތްކުރި ނަމަވެސް އެކަން ކަމިޔާބުކުރެވޭގޮތް ނުވުމުން ޕޮލިސް މެދުވެރިކޮށް އެކަން ކުރެވިފައި ނުވާ ކަމަށެވެ.
މިއަދުގެ މަޖިލީހުގެ ޖަލްސާގައި އެ ސުވާލުގެ އިތުރުން މެމްބަރު އިބްރާހިމް ރަޝީދު ވަނީ ހައްޖުވެރިންގެ އެހީތެރިންގެ ގޮތުގައި އަދާލަތު ޕާޓީއަށް އަދި މިނިސްޓްރީއަސް ނިސްބަތްވާ ވަކި ބަޔަކު ގެންގޮސްފައިވޭތޯ ވެސް މިނިސްޓަރާ ސުވާލު ކުރައްވާފައެވެ.
އެ ސުވާލަށް ލިޔުމުން ދެއްވި ޖަވާބުގައި މިނިސްޓަރ ވިދާޅުވީ، އެހީތެރިން ގެންގޮސްފައިވަނީ އޮންނަ އުސޫލުގެ ތެރެއިން އެކަމަށް އިއުލާނު ކޮށް، އިންޓަވިއު ކޮށްގެން އެންމެ މަތިން މާކްސް ލިބުނު މީހުން ކަމަށެވެ. އަދި މިނިސްޓްރީގެ އެދުމުގެ މަތިން އެހީތެރިއެއް ގޮތުގައި މިނިސްޓްރީގެ އެއް މުވައްޒަފަކު ގެންގޮސްފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.












